ރ.މަޑުއްވަރީ ކައުންސިލް ރީބްރޭންޑް ކުރަނީ

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް ރީބްރޭންޑް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. ކައުންސިލް ރީބްރޭންޑްކުރުން އިފްތިތާޙުކުރުން މިހިނގާ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގެ ތެރެއިން ކައުންސިލަށް އާލޯގޯއެއް ފަރުމާކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ‘މޮނޮކްސް ޑިޒައިންސް’ އާއި ޙަވާލުކުރެވިގެން ރީބްރޭންޑިންއާއި ގުޅުންހުރި ބައިތައް ޑިޒައިންކުރުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެތަކެތީގެ ސާމްޕަލްތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.
ރީބްރޭންޑިންގެ ތެރެއިން ކައުންސިލްގެ އާ ލޯގޯ، އައިކަން/ ސިންބަލް، ނިޝާން/ ސިއްކަ، ރަސްމީ ލެޓަރހެޑް، ސްޓާފް ކާޑު، ލެންޔާޑު، ބިޒްނަސް ކާޑު، ކައުންސިލްގެ ވޯކިންގ ޔުނިފޯމް، އީމެއިލް ސިގްނޭޗަރ އަދި ސޯޝަލް މީޑިއާ ޑިޒައިންސް ވަނީ ފަރުމާކޮށްފައެވެ. މިމަހުގެ ފަސްވަނަ ދުވަހު ބޭއްވުނު މިކައުންސިލްގެ މިއަހަރުގެ 44 ވަނަ ޢާއްމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ދެމެންބަރުންގެ އިއްތިފާގުން ވަނީ މިޑިޒައިންތައް ފާސްކޮށްފައެވެ. އަދި މިތަކެތި އިފްތިތާޙުކުރުމަށް ބާއްވާ ރަސްމިއްޔާތު މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.
މިރަސްމިއްޔާތުގައި މިކައުންސިލްގެ އާ ވެބްސައިޓު އިފްތިތާޙުކުރުންވެސް ކުރިއަށްދާނެއެވެ. މިރަސްމިއްޔާތުގައި ބައިވެރިވުމަށް ޢާއްމުކޮށް ހުޅުވާނުލިކަމުގައި ވީނަމަވެސް، ސޯޝަލް މީޑީއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރަސްމިއްޔާތު ލައިވްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާވާހަކަ ދަންނަވަމެވެ.