ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކުރުން މިމަހުގެ 20 ވަނަ ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފި

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙުކުރުމަށް ބާއްވާ ރަސްމިއްޔާތު، މިހިނގާ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުގެރޭ، އިރުވެލި މާލަމުގައި ބޭއްވުމަށް ހަމަޖައްސަވައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު މިއަހަރުގެ 44 ވަނަ ޢާއްމު ޖަލްސާގައި ބައިވެރިވެޑައިގެންނެވި ދެމެންބަރުންގެ އިއްތިފާގުންނެވެ.

ކައުންސިލްގެ އާވެބްސައިޓް ފަރުމާކޮށްދެއްވާފައިވަނީ މިރަށުގެ ފަޚުރުވެރި ދަރިއެއް ކަމަށްވާ، ރ.މަޑުއްވަރީ ފަލަކް، ޙުސައިން ބަސީރުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބައިނަރީ ސޮލިއުޝަންސްގެ ފަރާތުންނެވެ. މިވެބްސައިޓާއެކު، ޢާއްމުންނަށް ގިނަގުނަ ފަސޭޙަތަކެއް ވެގެންދާނެއެވެ. އެގޮތުން، ފޯމު ދޫކުރާ ބައެއް ޚިދުމަތްތަކަށް އޮންލައިންކޮށް ރިކުއެސްޓް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާއިރު، އިދާރާއަށް ނައިސް ޚިދުމަތްތަކަށް އެދެވުމާއި ފޯމުތައް ޑައުންލޯޑުކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެއިތުރުން، ކައުންސިލް އިދާރާއިން ނެރޭ ޢާއްމު އިޢުލާނުތަކާއި މުހިއްމު މަޢުލޫމާތާއި ޚަބަރުތައް ވެބްސައިޓު މެދުވެރިކޮށް ފެންނަންހުރުމާއެކު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ޢާންމުންނަށް ފެންނާނެ ގޮތަށް އިންތިޒާމް ކުރެވިގެންދާނެއެވެ.

މިރަސްމިއްޔާތުގައި، މިކައުންސިލުން ކުލީ ބިން ނަގާފައިވާ ފަރާތްތަކަށް ކުލި ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ބިމުކުލި ދެއްކުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް އެއް އިފްތިތާޙުކުރުން އޮންނާނެއެވެ. މިރަސްމިއްޔާތުގައި ބައިވެރިވުމަށް ޢާއްމުކޮށް ހުޅުވާނުލިކަމުގައި ވީނަމަވެސް، ސޯޝަލް މީޑީއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރަސްމިއްޔާތު ލައިވްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.