‘ގެމެން’ މޮޑިއުލްއަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީނު ރ.މަޑުއްވަރީގައި ބާއްވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރު) ގުޅިގެން ތައްޔާރުކޮށްފައިވާ ‘ގެމެން’ މޮޑިއުލް ތަޢާރަފް ކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމް ރ.މަޑުއްވަރީގައި ބާއްވައިފިއެވެ. މިތަމްރީން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކައުންސިލް އިދާރާގެ ރަށްވެހި މާލަމުގައެވެ.
ގެމެން މޮޑިއުލް އަކީ ރާއްޖޭގައި އުފަންވާ އަދި މަރުވާ މީހުންގެ މަޢުލޫމާތު ކަމާގުޅުންހުރި އިދާރާތަކަށް ފަސޭހައިން ލިބޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑިއުލްއެކެވެ. އަދި އުފަންދުވަހުގެ ސެޓްފިކެޓާއި، ފޫޅުމާ ފޯމާއި، މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރުމާއި އަލަށް އުފަންވާ ކުދިންގެ އައިޑީކާޑު ހެއްދުމުގެ ކަންކަންވެސް މިމޮޑިއުލް ތެރެއިން ކުރެވިގެންދާނެކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
މިތަމްރީނުގައި ކަމާގުޅުންހުރި މަސައްކަތްކުރައްވާ މަޑުއްވަރީ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުގެ މުވައްޒަފުން ބައިވެރިވިއެވެ. ތަމްރީނު ޕްރޮގްރާމް ހިންގުމަށް، އެލް.ޖީ.އޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދާއި ސީނިއަރ ސިސްޓަމް އެނަލިސްޓް ޙަސަން އިސްމާއިލް ވަޑައިގެންނެވިއެވެ. އަދި އަތޮޅު ކައުންސިލްގެ ފަރާތުންވެސް މިތަމްރީނު ހިންގުމަށް ދެބޭފުޅަކު ވަޑައިގެންނެވިއެވެ.
މިދަތުރުގައި، ކައުންސިލް އިދާރާ އަދި ޞިއްޙީ މަރުކަޒުގައި މޮޑިއުލް ބޭނުންކުރުމަށް ބޭނުންވާ ސެޓަޕް ހަދައިދިނުމާއި ޔޫޒަރ ކްރިއޭޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދިޔައެވެ.