ރަށުގައި އުފެދޭ ކުނި ނައްތާލުމާއި ކުނި މެނޭޖްކުރުމަށް ބަޔަކާއި ޙަވާލުކުރުން

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގައި އުފެދޭ ކުނި ނައްތާލުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ސިކްސް އިން އިންވެސްޓްމަންޓާއި ޙަވާލުކޮށްފިއެވެ. މިމަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު މަޑުއްވަރީ ކައުންސިލް އިދާރާގައެވެ. ސިކްސް އިން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ ވެރިފަރާތް އަލްފާޟިލް މުސްޠަފާ ޙުސައިންއެވެ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަޙްމަދެވެ.
މިއެއްބަސްވުމާއެކު، މަޑުއްވަރީގައި އުފެދިފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި ރަށުގެ ވަށައިގެންވާ ސަރަޙައްދާއި ގޮނޑުދޮށާއި މޫދަށް އަދި ފަޅުތެރެއަށާއި ޢާންމު ތަންތަނަށް ކުނި އެޅުން މަދުވެގެންދާނެވެ. މިޚިދުމަތުގެ ތެރެއިން ރަޖިސްޓަރީ ކޮށްފައިވާ ގެތަކުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްވަގުތެއްގައި ބަދިގެ ކުނި ނަގައި އުކާލެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި އާއްމު ކުނި ހަފްތާއަކު ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު، ވަކިން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ކުނިކޮށްޓަށް ވަދެވޭނެ ގަޑިތަކެއް ކަނޑައަޅައި ކުނިކޮށްޓަށް ވަނުމަށް ދައްކަންޖެހޭ ފީ ދައްކައިގެން މެނުވީ ނުވަދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މިއެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތަކަށާއި އިދާރީ ކަންކަން އިންތިޒާމްކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ.