ރ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން ފެނަކަ މަޑުއްވަރީ ބްރާންޗުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ފެނަކަ މަޑުއްވަރީ ބްރާންޗުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކައުންސިލާއި ގުޅިގެން ކުރަންހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށާއި، ދިމާވާ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަޝްވަރާކުރުމުގެ ގޮތުން މަޑުއްވަރީ ކައުންސިލްގެ ފަރާތުން ފެނަކަ މަޑުއްވަރީ ބްރާންޗުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ މަޑުއްވަރީ ބްރާންޗުގައެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަސްކައްކާ ހިއްކުމަށް ކައުންސިލުން ދޫކޮށްފައިވާ ކުލީ ބިންތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ސިޓީއާއި ގުޅޭ ގޮތުންނެވެ. އަދި މަގު ބައްތިތައް މަރާމާތުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.
މީގެއިތުރުން، ރަށުގެ އެކި ސަރަޙައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލައާއި ނަރުދަމާ ޖަންކްޝަން ޕޮއިންޓްތަކުން ވަސް ބޭރުވާ ނިޒާމާއި ގުޅިގެން ޢާއްމު ރައްޔިތުންނަށް ދިމާވާ އުނދަގޫތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދުވެސް ދެފަރާތުން މަޝްވަރާކުރެވުނެވެ.