ރަށުގެ އުތުރުފަރާތު ބަނދަރުގައި ހުރި ފާލަން ހަލާކުވުމާއި ގުޅިގެން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެފާލަން ނަގައިފި

ރ.މަޑުއްވަރީ އުތުރު ބަނދަރުގައި ހިޔާކޮށްގެން ހަދާފައިވާ ފާލަމުގެ ތަނބުތައް ހަލާކުވެ، ފާލަމުގެ ކޮންކްރީޓުގަނޑު ނައްޓައިގެން ދިއުމާއި ގުޅިގެން، ފާލަން ނުވަތަ ފާލަމުން ބައެއް ވެއްޓި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިދާނެފަދަ ހާދިސާއެއް ކުރިމަތިވެދާނެ ކަމަށްޓަކައި، ކައުންސިލްގެ ފަރާތުން އެފާލަން ނަގައިފިއެވެ.

 

އަމިއްލަ ވިޔަފާރި ކުންފުންޏަކާއި ޙަވާލުކޮށްގެން ކުރަމުންގެންދާ މިމަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، މިރަށުގެ ދެކުނު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީގެ ފަރާތުންވެސް މިމަސައްކަތަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ފާލަމުގެ ކޮންކްރީޓް ބުޑުތަކާއި ފަޅުތެރެއަށް ޖަހާފައިހުރި ތަނބުތައް ނަގައިގެން ގެންދިއުމުގައި އެމް.ޓީ.ސީ.ސީގެ އެކްސްކަވޭޓަރާއި ލޮރީއެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

 

މިމަސައްކަތާއެކު، ބަނދަރުގައި ބޭނުންކުރަމުންދިޔަ ފާލަމުގެ ހިޔާވަހިކަން ގެއްލުނު ކަމުގައިވީނަމަވެސް، އޮޑިދޯނިފަހަރު އެޅުމަށް ފަސޭހަތަކެއް ކުރިމަތިވާނެ ކަމުގައި އޮޑިވެރިން ފާހަގަކުރެއެވެ.