ރ.މަޑުއްވަރީ ކައުންސިލުގެ މަލްޓިޕާޕަސް ހޯލް (އިރުވެލި މާލަން) ރަސްމީކޮށް ހުޅުވައިފި

ރ.މަޑުއްވަރީ ކައުންސިލްގެ މާލިއްޔަތުން ޚަރަދުކޮށް އިމާރާތްކޮށްފައިވާ، ކައުންސިލްގެ މަލްޓިޕާޕަސް ހޯލް (އިރުވެލި މާލަން) ރަސްމީކޮށް ހުޅުވައިފިއެވެ. މިމަހުގެ 20 ވަނަ ދުވަހުގެރޭ ބޭއްވި ކައުންސިލް ރީބްރޭންޑްކުރުމާއި ވެބްސައިޓް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އިރުވެލި މާލަން ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، އުނގޫފާރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އާދަމްއެވެ. އަދި މިރަސްމިއްޔާތު ބާއްވާފައިވަނީ މިމާލަމުގައެވެ.

 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ޞަބީޙާ މުޙައްމަދު ވިދާޅުވީ އިރުވެލި މާލަމަކީ، ކައުންސިލްގެ މާލިއްޔަތުން ޚަރަދުކޮށްގެން މިދައުރުގައި ބިނާކުރެވުނު ހޯލެއްކަމުގައެވެ.

“ރަށުގައި މިފަދަ ރަސްމިއްޔާތުތަކާއި ޙަފްލާތައް ބާއްވާނެ ހޯލެއް ނެތުމުގެ ދަތިކަން އަޅުގަނޑުމެން މިކައުންސިލަށް އައިއިރު ވަނީ ކުރިމަތިވެފަ. މަޑުއްވަރީ ސްކޫލްގަ ބޭނުންކުރަމުންދިޔަ ހޯލަކީ ކްލާސްރޫމްތަކަކާ އެއްކޮށް ޕާޓިޝަން ޖަހައިގެން ބޭނުންކުރަމުންދިޔަ ހޯލެއް. އަދުގެ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ސްކޫލްގަ މަލްޓިޕާޕަސް ހޯލަކާ 8 ކްލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ފެށުނުއިރު، ކައުންސިލްގެ މިހޯލް ތައްޔާރުވެފަ ހުރުމަކީ ރަށުގެ މުއައްސަސާތަކާ، ސްކޫލާ، ކައުންސިލަށްވެސް ލިބުނު ވަރަށް ބޮޑު ލުޔެއް. މިވަގުތު ރަށުގަ މިފަދަ ޖަލްސާއެއް ބާއްވާނެ އިތުރު ތަނެއް ނުހުންނާނެ. މިއީ މިދައުރުގައި ކުރެވުނު ވަރަށް ބޮޑު މަސައްކަތެއް. މިހޯލުގާ ތަފާތު އެކިއެކި ޓްރޭނިންގތަކާ، މުބާރާތްތަކުގެ އިތުރުން ޕާޓިތަކާ، ޙަފްލާތައް ބޭއްވުމަށް އުޞޫލެއް ތައްޔާރުކުރެވި އެއަށް މިހާރު ޢަމަލުކުރެވެމުންދާނެ. މިއީ ރަށުގެ މުއައްސަސާތަކަށާ ރައްތިތުންނަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމުގަ އަޅުގަނޑު ދެކެން.” ކައުންސިލްގެ ރަޢީސް ވިދާޅުވިއެވެ.

 

މިރަސްމިއްޔާތުގައި ކައުންސިލްގެ އާލޯގޯއާއި ކައުންސިލްގެ ވެބްސައިޓްވެސް އިފްތިތާޙުކުރެވިގެން ދިޔައެވެ.