ރ.މަޑުއްވަރީ ޕޮލިސް ޤުރްއާން މުބާރާތް މިރޭ ފަށަނީ

ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ޤުރްއާން މުބާރާތް މިރޭ ފަށާނެކަމަށް އެސްޓޭޝަންގެ ފަރާތުން މަޢުލޫމާތު ދެއްވައިފިއެވެ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން އިންޗާޖް އިބްރާހިމް މުޙައްމަދު ވިދާޅުވި ގޮތުގައި މިއީ މިސްޓޭޝަންގެ ފަރާތުން މުޅިން އަލަށް ފަށާ މުބާރާތެއްކަމަށާއި، މިމުބާރާތުގައި ބައިވެރިވުމަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވުނު ކަމަށެވެ. އަދި މިފުރުޞަތުގައި ޖުމްލަ 176 ބައިވެރިން މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި، އަދި މިބައިވެރިން ޖުމްލަ 8 އުމުރުފުރާއަކަށް ބަހާލެވިފައިވާކަން ފާހަގަކުރެއްވިއެވެ.

 

މިމުބާރާތުގެ ސަބަބުން ރަށުގެ ކުދި ބޮޑު އެންމެހާ ރައްޔިތުންގެ މެދުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރުވުމާއި، ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމުގެ ރޫޙު އާލާވެގެންދާނެއެވެ. އަދި ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އިޖުތިމާޢީ ކުރިއެރުން އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ. މުޅި ދުނިޔެއާއި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން މިއަހަރު ތެރޭގައި މިރަށުގައި ޤުރްއާން މުބާރާތެއް ނުބޭއްވި ވަނިކޮށް، މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މިފަދަ މުބާރާތެއް ބޭއްވުމަކީ، ރަށު ކައުންސިލާއި، މުއައްސަސާތަކާއި ރައްޔިތުން އެކަމަށްޓަކައި އުފާކުރާނެ ކަމެއް ކަމުގައި ޤަބޫލުކުރެވެއެވެ.

 

ތިން ދުވަހުގެ މުއްދަތަށް ރޭވިފައިވާ މިމުބާރާތަށް ރަށުން ބޭރުން 3 ފަނޑިޔާރުން ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، މުބާރާތުގެ ނަތީޖާ ފާޅުކުރުން 28 ނޮވެންބަރު (ހޮނިހިރު) ދުވަހުގެރޭ ބޭއްވުމަށް ރޭވިފައިވާކަންވެސް އިބްރާހިމް މުޙައްމަދު ފާހަގަކުރެއްވިއެވެ. މިމުބާރާތަށް ރަށުގެ ވިޔަފާރިވެރިންނާއި މުއައްސަސާތަކާއި ޢާންމު ފަރުދުންގެ ދީލަތި އެހީއާއި އެއްބާރުލުން ލިބިފައިވާކަމަށާއި، އެކަމަށްޓަކައި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވާ ކަމަށް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ފާހަގަކުރެއްވިއެވެ.