ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ރަށުގައި ޖަނާޒާ ކޯހެއް ފަށައިފި

ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ރަށުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ. މިކޯސް ފެށުމުގެ ގޮތުން އިރުވެލި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޔަޒީދާ ޢަލީ ވިދާޅުވި ގޮތުގައި މިކޯހަކީ، ރަށުގައި ތިބެގެން މިމަސައްކަތް ދަސްކޮށް ސަނަދު ޙާޞިލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވުނު ވަރަށް ރަނގަޅު ދޮރެއް ކަމަށެވެ. އަދި މިއީ ރަށުގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަމުގައި ހަރަކާތްތެރިވާނެ މީހުން މަދު ދަނޑިވަޅެއްގައި އެކަމުން އަރައިގަތުމަށް ކޮށުނު މަގެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން، މިކޯހުގައި ކިޔަވައިދެއްވާނީ، ރ.މީދޫއާއި މަޑުއްވަރީއަށް ނިސްބަތްވާ މުދައްރިސުންކަމާއި، މިމުދައްރިސުންނަކީ، މިކަމުގެ ޢިލްމު ޙާޞިލުކުރެއްވުމުގެ އިތުރުން ޢަމަލީގޮތުން މިކަން ތަޖުރިބާކުރައްވަމުން ގެންދަވާ ހުނަރުވެރި މުދައްރިސުން ކަމުގައި ކޮމިޓީގެ ރައީސާ ފާހަގަކުރެއްވިއެވެ. އަދި މިކޯހުގައި، މީހާ މަރަށް ހާޟިރުވާ ވަގުތު ކަންކުރަންވީ ހިސާބުން ފެށިގެން، މައްޔިތާ ހިނެވުމާއި، ކަށުނަމާދުކުރުމާއި ވަޅުލުމާއި އަދި އެއަށްފަހު ހިނގާ ކަންކަމާއި ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް ހަމަޖެހިފައިވާއިރު، ތިއަރީގެ އިތުރުން ޢަމަލީ ބަޔާއި ޤުރުއާނުގެ ބައިވެސް ހިމެނިފައިވާނެކަމަށް ރޭގެ ޖަލްސާގައި ފާހަގަކުރައްވާފައިވެއެވެ.

 

އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޯހުގައި ޖުމްލަ 32 ބައިވެރިން ބައިވެރިވެފައިވާއިރު، ކްލާސްތައް ކުރިއަށް ދާނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި، އިރުވެލި މާލަމުގައެވެ. މިއީ ރަށަށް ނުހަނު މުހިއްމު އަދި ބޭނުންތެރި ކޯހެއްކަމާއި، ރަށުގައި ތިބެގެން، ޢަމަލީބައި ހިމެނޭގޮތަށް މިފަދަ ކޯހެއް އިންތިޒާމްކުރުމަށް ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިސްނެންގެވުމަކީ، މިދަނޑިވަޅުގައި ކުރެވުނު ވަރަށް މުހިއްމު ކަމެއްކަމުގައި ގިނަބަޔަކު ފާހަގަކުރެއެވެ.

 

މިކޯސް އިންތިޒާމްކުރުމުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ރޭގެ ޙަފްލާގައި ވަނީ މަޑުއްވަރީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.