ރ. މަޑުއްވަރީއަށް އުދަ އަރައިފި، މިރޭވެސް އުދައަރާނެކަމަށް ލަފާކުރެވޭ

ރޭ 22:00 އާއި މެންދަމު 2:00 އާއި ދެމެދު ރ. މަޑުއްވަރީގެ ވަށައިގެން އެކި ހިސާބުތަކަށް އުދަ އަރައިފިއެވެ. ރޭގެ އުދަ ރަށުތެރޭގެ ބައެއް ހިސާބުތަކަށް 200 ފޫޓަށް އެތެރެއަށް އަރާފައިވެއެވެ.

މިއުދައިގައި ދެގެޔަކާއި އެމްޓީސީސީ ސައިޓަށް ލޮނުވަދެ، އެސައިޓުން ކަރަންޓް ކެނޑިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

 މިއުދައަކީ ރާއްޖެހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ބޮޑެތި ރާޅު ބާނިތަކެއްގެ ސަބަބުން އަރާ އުދަެއްކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން މަޢުލޫމާުތުދެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރާނެ ކަމަށާއި ޙާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އުދައިގެ އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ.  އަދި މާދަމާއިން ފެށިގެން ރާޅުބާނިތައް ތިރިވާން ފަށާނެކަމަށާއި ނަމަވެސް ތިރި ރަށް ރަށަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރު ކުރާނެކަމަށްވެސް އެއިދާރާއިން މަޢުލޫމާތުދެއެވެ.

މަޑުއްވަރީއަކީ އަބަދުވެސް މޫސުމީ އުދަ އަރާ ރަށެކެވެ. މިރޭވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކޮށްފައިވާތީ ރަށުގެ ހޭޅިފަށާއި ކައިރީގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވެ ތިއްބެވުމަށާއި ސަލާމަތީ ފިޔަވަޅުތައް އަޅުއްވައިގެން ތިއްބެވުމަށް މަޑުއްވަރީ ކައުންސިލުން އެދެއެވެ. އަދި ރޭގެ އުދައިގައި ރަށުގެ ހޭޅިފަށާއި ރަށުތެރެއަށް އަރުވާފައިވާ ކުނިބުނިތައް ނަގާ ސާފުކުރުމުގައި އެސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ބައިވެރިވުމަކީވެސް ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

.