ށ.ފޯކައިދޫ ކައުންސިލް މެންބަރުންނާއި، އ.ތ.މ ކޮޓީގެ މެންބަރުން ރ.މަޑުއްވަރީއަށް ޒިޔާރަތް ކުރައްވައިފި

ށ.ފޯކައިދޫ ކައުންސިލްގެ ރައީސް، ނައިބު ރައީސް އަދި ކައުންސިލް މެންބަރުގެ އިތުރުން، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހިމެނޭ ޓީމެއް އިއްޔެ މަޑުއްވަރީއަށް ޒިޔާރަތްކޮށްފިއެވެ. މިދަތުރަކީ، މަޢުލޫމާތާއި ތަޖުރިބާ ހޯދުމުގެ އިތުރުން ދެރަށުގެ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާއި ދެމެދު ގުޅުން ބަދަހިކުރުމަށް ރޭވުނު ދަތުރެއްކަމަށް ށ.ފޯކައިދޫ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މިދަތުރުގައި ފޯކައިދޫ އަދި މަޑުއްވަރީގައި ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ޙިއްސާކުރުމާއި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާ ކުރެވުނެވެ. އަދި ދެރަށުގެ ތަރައްޤީއަށް ރޭވިފައިވާ ކަންތައްތަކާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތަކާއި، މިކަންކަމަށް ހުރި ގޮންޖެހުންތަކާއި، މިގޮންޖެހުންތައް ޙައްލު ކުރުމަށް ކުރެވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރިއެވެ.

މީގެ އިތުރުން، ދެރަށުގެ އ.ތ.މ ކޮމިޓީގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިހުރި ހަރަކާތްތަކާއި ބެހޭގޮތުން، ދެކޮމިޓީގެ މެންބަރުން އެއްތަންވެ މަޝްވަރާކުރެވިފައިވެއެވެ. އަދި މަޑުއްވަރީގެ އ.ތ.މ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ ޖަނާޒާ ކޯހާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، މިކޯހުގައި ކިޔަވައިދެއްވާ މުދައްރިސުންގެ ޝަރަފުގައި ބޭއްވުނު ޙަފްލާއެއްގައިވެސް، ފޯކައިދޫއިން ވަޑައިގެންނެވި ޓީމް ބައިވެރިވެފައިވެއެވެ.

މިދަތުރުގައި ރ.އަތޮޅާއި ނ.އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ފޯކައިދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.