ކޮވިޑް-19 ވެކްސިންދިނުމުގެ ޙަރަކާތް މިއަދު ރ.މަޑުއްވަރީގައި ފަށައިފި!

‘ކޮވިޑް-19 ދިފާޢު’ ނަމުގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދިނުމަށް ސަރުކާރުން ފައްޓަވާފައިވާ ކެމްޕެއިންގެ ތެރެއިން، ރ.މަޑުއްވަރީގައި ވެކްސިން ދިނުމުގެ ޙަރަކާތް މިއަދު ފަށައިފިއެވެ. މިއަދުގެ ޙަރަކާތުގައި އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މިވަގުތު ވެކްސިން ލިބިފައިވާ އަދަދަށް ބަލައި، މިވެކްސިން ޖެހުމުގައި އިސްކަންދޭ ތަރުތީބަށް ބަލައިގެންނެވެ.

 

އެގޮތުން، ޞިއްޙީ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، 80 އަހަރުން މަތީގެ އިސްރަށްވެހިންނާއި، ބޭސްފިހާރައިގައި މަސައްކަތްކުރާ ފަރާތްތަކާއި، މިސްކިތުގެ މުދިމުންނާއި މަސައްކަތު މީހުން އަދި ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނުކުރުމުގެ މަސައްކަތްކުރާ ފަރާތްތައް، މިއަދުގެ ޙަރަކާތުގައި ވެކްސިން ޖަހާފައިވެއެވެ.

 

 

ހަވީރު 4:00 ން އިރުއޮއްސި 6:00 އާއި ދެމެދު އިރުވެލި މާލަމުގައި ކުރިއަށްދިޔަ މިޙަރަކާތުގައި ޖުމްލަ 24 ފަރާތަކަށް މިއަދު ވެކްސިން ޖަހާފައިވާކަމަށް މަޑުއްވަރީ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ. އަދި ވެކްސިން ލިބޭ މިންވަރަކުން ކުރިއަށް އޮތް ތަނުގައި އެހެނިހެން ފަރާތްތަކަށްވެސް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެމަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

 

ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު، އައިޑީކާޑު ގެނައުމަށާއި، ދާއިމީކޮށް ބޭހެއް ބޭނުންކުރާނަމަ އެންމެ ފަހުގެ ބޭސް ސިޓީ އަދި ފެންފުޅިއެއް ގެނައުމަށް ޞިއްޙީ މަރުކަޒުން އެދިލައްވައެވެ. މީގެއިތުރުން، ރަނގަޅަށް ކައިގެން އައުމަށާއި، ރޯގާގެ ޢަލާމާތެއް ނެތުމާއި ހުން ނެތްކަން ކަށަވަރުކުރުމަށްވެސް އިލްތިމާސްކުރައްވައެވެ.

 

ވެކްސިން ޖެހުމުގެ މަސައްކަތަށް އިރުވެލި މާލަން ތައްޔާރުކޮށްފައިވަނީ، ވެކްސިން ޖެހުމުގެ ކުރިން ރަޖިސްޓަރީ ކުރުމާއި ސްކްރީންކުރުމުގެ އިންތިޒާމްތަކާއެކު، ވެކްސިން ޖެހުމަށްފަހު 15 މިނެޓް އޮބްޒަވޭޝަންގައި މަޑުކުރަންޖެހޭ ޖާގައާއި އެކުގައެވެ. އަދި އިތުރު ފަރުވާއެއް ދޭންޖެހިއްޖެނަމަ، އެއިންތިޒާމްތައް އިރުވެލި މާލަމުގައި ހަމަޖައްސާފައިވާއިރު، ޞިއްޙީ މަރުކަޒަށް ގެންދަންޖެހިއްޖެނަމަ، ވަގުތުން ގެންދެވޭނެގޮތަށް އެމްބިއުލާންސްގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.

 

 

ވެކްސިން ދިނުމަށް މިއަދު ފެށުނު ޙަރަކާތް ވަރަށް ކާމިޔާބު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެކްސިން ލިބޭ މިންވަރަކުން، ވެކްސިން ޖެހުމަށް ހުޅުވާލާއިރު، ވީހާވެސް ގިނަ ފަރާތްތަކުން މިވެކްސިން ޖެހުމަށް މަޑުއްވަރީ ޞިއްޙީ މަރުކަޒުން އެދިލައްވައެވެ. އަދި ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު، މަރުކަޒުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އިލްތިމާސްކުރައްވައެވެ.