ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ.މަޑުއްވަރީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރެއްވުން.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ.އަތޮޅާއި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ ރ.މަޑުއްވަރިއަށް ޒިޔާރަތްކުރައްވައި، ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވާފައެވެ. އިއްޔެ ހަވީރު މަޑުއްވަރީ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މިބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުގެ ފަރާތުން ރަށުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަށް އަރުވާފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ދާއިރު ކައުންސިލްތަކުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ރައީސް އެދިވަޑައިގެންފައިވެއެވެ.

 

 

މިބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުން އެދޭ ކަންކަން ރައީސާއި ޙިއްސާކޮށްފައެވެ. އެގޮތުން، ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށް ފުލެޓް އެޅުން ފަދަ ހައުސިންގ މަޝްރޫޢެއްގެ މުހިއްމުކަން ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ރައީސްގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މަޑުއްވަރީ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ނުވަތަ މަޑުއްވަރީގެ އިޙްތިޞާސްގެ ތެރޭގައި ރ.އުފުލަންދޫ ހިމަނައިދެއްވުމަށްވެސް އެދިފައިވެއެވެ. އަދި ހަމައެއާއެކު، ރަށުގައި ޤާއިމްކުރަމުންދާ އައިސްޕްލާންޓްގެ މަސައްކަތް ނިމޭއިރު، އެސަރަޙައްދަށް ދޯނިފަހަރަށް ކައިރިކުރެވޭ ގޮތަށް ޓީޖެޓީއެއް ފަދަ ތަނެއް ތަރައްޤީކޮށްދެއްވުމަށްވެސް އެދިފައިވެއެވެ. ޕްލޭނިންގ މިނިސްޓްރީގެ މިއަހަރު ބަޖެޓްގައި ހިމެނިފައިވާ ރ.މަޑުއްވަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން މިމަސައްކަތް ކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސްގެ އަރިހުން އެދިފައެވެ.

 

މީގެ އިތުރުން ދެކުނުފަރާތުގައި ތަރައްޤީކުރާ ބަނދަރުގެ ބޭރުތޮށި ބޭނުންކުރެވޭ ގޮތަށް ހައްދަވައިދެއްވުމާއި، ރަށުގެ އުތުރު ފަރާތު ބަނދަރު މަރާމާތު ކޮށްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ. ރަށުގައި އިޖުތިމާޢީ މައްސަލަތައް އިތުރުވެފައިވަނީ ބިންފުރި ތޮށްޖެހިފައިވުމުގެ ސަބަބުން ކަމަށް ބަޔާންކޮށް، ރަށުގެ ކުނިކޮށްޓާއި އިންޖީނުގެ ރީލޮކޭޓް ކުރުމަށް ރަށުން ބިން ހިއްކައިދިނުމަށް އެދިފައިވެއެވެ. އަދި އާބާދީއާއި އެކަށޭނަ މިންވަރަށް ކަރަންޓުގެ ޚިދުމަތް ފުޅާކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކާފައިވެއެވެ. މީގެ އިތުރުން، ރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށާއި، ރަށުން ޒަމާނީ ހޮސްޕިޓަލެއްގެ ޚިދުމަތް ލިބުމަށް ރައްޔިތުން އެދޭއިރު، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަންވެސް އެދޭކަން ކައުންސިލުން ފާހަގަކޮށްފައެވެ. ރ.އަތޮޅުގެ ދެކުނުގައި ތަރައްޤީކުރުމަށް ޕްލޭންކުރެވިފައިވާ އެއަރޕޯޓް ރ.ފުސްފަރުގައި ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.

 

 

ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރަށުގައި މޫދަށް އެރޭނެ ސަރަޙައްދެއް ނެތުމުން ދިމާވާ ދަތިތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އަދި، މިގޮތުން މޫދަށް އެރޭނެ ސަރަޙައްދެއް ޤާއިމުކޮށްދެއްވުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ. މަޑުއްވަރީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

 

May be an image of 5 people, people sitting, people standing and headscarf