ރ.އަލިފުށީގައި އެޅުމަށް ސަރުކާރުން ނިންމަވާފައިވާ އެއަރޕޯޓް ރ.ފުސްފަރަށް ބަދަލުކުރުމަށް ރައީސަށް ދަންނަވާފައިނުވާނެ ކަމަށް ރ.މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤު ވިދާޅުވެއްޖެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ އަލިފުށި އެއަރޕޯޓް ފުސްފަރަށް ބަދަލުކުރުމަށް މަޑުއްވަރީ ކައުންސިލުން އެދޭ ކަމަށެވެ. އެހެންނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށް ޞާދިޤު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ނުދަންނަވަން އަލިފުށި އެއަރޕޯޓް ފުސްފަރަށް ބަދަލުކުރާކަށް. އެއީ ދޮގު ވާހަކައެއް. އަލިފުށީ ދާއިރާގެ އެމްޕީއަށް އެނގިލައްވާނެ މީޓިންގަ ދެއްކި ހުރިހާ ވާހަކައެއް” – ކައުންސިލްގެ ރައީސް ޞާދިޤު ވިދާޅުވިއެވެ.
އަލިފުށްޓަކީ ރ.އަތޮޅުގެ އެންމެ އުތުރުގައި އޮންނަ ރަށަށް ވާއިރު މަޑުއްވަރީއަކީ ރ.އަތޮޅުގެ އެންމެ ދެކުނުގައިވާ މީހުން ދިރިއުޅޭ ރަށެވެ. ރ.އަތޮޅުގައި މިހާރު ޤާއިމްކުރެވިފައިވާ އިފުރު އެއަރޕޯޓާއި އެންމެ ދުރު، މީހުން ދިރިއުޅޭ ރަށަކީ މަޑުއްވަރީއެވެ. މަޑުއްވަރީން އިފުރު އެއަރޕޯޓަށް ދަތުރުކުރުމަށް އާދައިގެ ލޯންޗެއްގައި 45 ވަރަކަށް މިނެޓް ހޭދަވާއިރު، -/2500 އެއްހާ ރުފިޔާ ޚަރަދުކުރަންޖެހެއެވެ. ރ.އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓްތަކާއި، މިހާރު ތަރައްޤީ ކުރަމުންދާ ރިސޯޓްތައް ހުރީ ރ.ފުސްފަރު ވަށައިގެންކަމާއި، ރ.އަތޮޅުގެ ދެކުނު ރަށްތަކުގެ އާބާދީއަށް ބަލާއިރު، އެންމެ ގިނަ ރައްޔިތުންނަށް ފައިދާ ވާނީ، ރ.އަތޮޅުގެ ދެކުނުގައި އެޅުމަށް ސަރުކާރުން ޕްލޭން ކޮށްފައިވާ އެއަރޕޯޓް ފުސްފަރުގައި އެޅުމުން ކަމުގައި މަޑުއްވަރީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ މަޑުއްވަރީއަށް ކުރެއްވި ދަތުރުފުޅުގައި ރ.އަތޮޅުގެ ދެކުނުގެ ރަށްތަކުގެ ކައުންސިލްތަކުގެ ވެރިން ވަނީ އެއރޕޯޓާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ރައީސާއި ބައްދަލުކުރައްވާފައެވެ.