ރ.މަޑުއްވަރީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފުނަދޫ ކައުންސިލާއި ބައްދަލުކޮށްފި

 

ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން ކުރިއަށް ގެންދިޔައީ ފުނަދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.

 

 

މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ފުނަދޫގެ ބަނދަރު ބަލަހައްޓަމުންދާ ގޮތާއި، ކުނިކޮށި ބަލަހައްޓަމުންދާ ގޮތާއި، ކުޅިވަރު ދަނޑުތައް މެނޭޖްކުރަމުންދާ ގޮތުގެ އިތުރުން ޕްރީ ސްކޫލް ހިންގަމުންދާ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ރާވާފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ބަދަލުކުރެވިފައިވެއެވެ. އަދި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެގޮންޖެހުންތަކަށް ޙައްލުހޯދަމުންދާ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

 

 

މަޑުއްވަރީ ކައުންސިލްގެ ޓީމް ފުނަދުއަށް ޒިޔާރަތްކުރުމުން، ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ފުނަދޫގެ ބައެއް ޚާއްސަ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ބަދަލުކުރެވިފައިވެއެވެ. ފުނަދުއަށްފަހު މިދަތުރުގައި ދެން ދާންއޮތް މަންޒިލަކީ ށ. ނަރުދުއެވެ.