ރ.މަޑުއްވަރީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފީވަކު ކައުންސިލާއި ބައްދަލުކޮށްފި

 

ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފީވަކު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ.

 

 

މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. އަދި މަޑުއްވަރީގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަށްޓަކައި، ބޭނުންވާ ގަސް ހޯދުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ފީވަކުގެ ބަނދަރު ބަލަހައްޓަމުންދާ ގޮތާއި، ކުނިކޮށި ބަލަހައްޓަމުންދާ ގޮތާއި، ކުޅިވަރު ދަނޑުތައް މެނޭޖްކުރަމުންދާ ގޮތުގެ އިތުރުން ޕްރީ ސްކޫލް ހިންގަމުންދާ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ބަދަލުކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ރާވާފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ބަދަލުކުރެވިފައިވެއެވެ.

 

 

މަޑުއްވަރީ ކައުންސިލްގެ ޓީމް ފީވަކަށް ޒިޔާރަތްކުރުމުން، ފީވަކު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ފީވަކުގެ ބައެއް ޚާއްސަ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ބަދަލުކުރެވިފައިވެއެވެ.