ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ.
މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. ފޯކައިދޫގެ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިދައުރުގައި ކުރަމުންދާ ގޮތާއި ބެހޭ ގޮތުން ތަފްޞީލްކޮށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ރަށުގެ ބަނދަރުން ދިމާވާ ދަތިތަކުގެ ސަބަބުން އުޞޫލުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް ޙިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން ފޯކައިދޫގައި ކުނި މެނޭޖްކުރަމުންދާ ގޮތާއި، ކުނިކޮށި ބަލަހައްޓަމުންދާ ގޮތިގެ އިތުރުން، ކުޅިވަރު ދަނޑުތައް މެނޭޖްކުރަމުންދާ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ބަދަލުކޮށްފައިވެއެވެ. އަދި ދެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ރާވާފައިވާ ކަންކަމާއި ގުޅޭ މައުލޫމާތު ޙިއްސާކޮށްފައިވެއެވެ.
މަޑުއްވަރީ ކައުންސިލްގެ ޓީމް ފޯކައިދުއަށް ޒިޔާރަތްކުރުމުން، އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ފޯކައިދޫގެ ބައެއް ޚާއްސަ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ބަދަލުކުރެވިފައިވެއެވެ. ފޯކައިދޫ ކައުންސިލުން ނިމިދިޔަ ދައުރުގައި މަޑުއްވަރީއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ.