ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ރަށު އޮޑިޝަން މަޑުއްވަރީގައި ފަށައިފި

 

ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ރަށު އޮޑިޝަން ރ.މަޑުއްވަރީގައި މިއަދު ފަށައިފިއެވެ. ތިން ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދާ މިއޮޑިޝަން ކުރިއަށްދަނީ މަޑުއްވަރީ ސްކޫލްގައެވެ. ހެނދުނުގެ ދަންފަޅި ފަށާފައިވަނީ ހެނދުނު 9:00 ގައެވެ. މެންދުރުފަހުގެ ދަންފަޅި ކުރިއަށްދާނީ 14:00 ން ފެށިގެން 16:00 އަށެވެ. އަދި ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ 20:00 ން 22:00 އަށެވެ. މިއޮޑިޝަނަކީ ޤައުމީ މުބާރާތުގައި ރ.އަތޮޅު ތަމްޞީލުކުރާނެ ބައިވެރިން ކަނޑައެޅުމަށް ރ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ އޮޑިޝަންގައި މަޑުއްވަރީގެ ފަރާތުން ބައިވެރިވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ އޮޑިޝަނެކެވެ.

 

 

ރ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ އޮޑިޝަނުގައި ބައިވެރިވެވޭނީ އަތޮޅުގެ ކޮންމެ ރަށަކުންވެސް، ޖުމްލަ 15 ބައިވެރިންނަށެވެ. އެއީ، ބަލައިގެން ކިޔެވުމުގެ ބައިން 10 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 5 ބައިވެރިންނެވެ. ޤައުމީ މުބާރާތުގައި އަތޮޅު ތަމްޞީލު ކުރުމަށް އަތޮޅު ކައުންސިލުން ބާއްވާ އޮޑިޝަނުން މުޅި އަތޮޅުން ހޮވާލެވޭނީ ޖުމްލަ 30 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 20 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 10 ބައިވެރިންނެވެ.

 

 

އަތޮޅު އޮޑިޝަނާއި ރަށު އޮޑިޝަންގައިވެސް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ، “ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ޤަވާއިދު (2021)” ގެ 12 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިންކަމާއި، ދެއޮޑިޝަންގައި ބަލާނެ އުމުރުފުރާތަކާއި މުޤައްރަރަކީވެސް މިދެންނެވި ޤަވާއިދުގެ 6 ވަނަ ނަންބަރުގައި ބަޔާންކުރާ އުމުރުފުރާއާއި މުޤައްރަރުކަމަށް  ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރަށު އޮޑިޝަނުން އެންމެ ގިނަ މާކްސް ލިބޭ 15 ބައިވެރިންގެ ނަންތައް އަތޮޅު އޮޑިޝަންގައި ބައިވެރިކުރުމަށް އަތޮޅު ކައުންސިލަށް ފޮނުވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.