މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކޮވިޑް-19 ޓާސްކްފޯސް އަދި ސޯޝަލް ސަޕޯޓް ޓީމްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭ


ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއަކީ މުޅިދުނިޔެއަށް ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވުމާއިއެކު ރާއްޖެއަށް މިބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކޮށް ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން މިހާރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިޢުލާން ކޮށްފައެވެ. އަދި ރަށުފެންވަރުގައާއި އަތޮޅުފެންވަރުގައި އެޅެންހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވަނީ އަންގާފައެވެ.

އެގޮތުން، ރ.މަޑުއްވަރީގައި ޤާއިމުކޮށްފައިވާ ކޮވިޑް-19 ޓާސްކްފޯސް އަދި ސޯޝަލް ސަޕޯޓް ޓީމްގެ ފަރާތުން ރަށުގައި އާންމުން އެއްވެ އުޅޭ ތަންތަނަށްގޮސް، ބޭރަށް ނުނިކުތުމަށާއި ގޭގައި މަޑުކުރުމަށް އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު، ރަށުގައި މީހުން ދިރިއުޅޭ ގޭގެއަށްގޮސް، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގެ މުހިއްމުކަމާއި، މަގުމަތީގައި ބެހެއްޓިފައިވާ ޖޯލިފަތިތަކާއި ގޮނޑިތަކުގައި މީހުންއެއްވެ ނުތިބުމަށާއި އެފަދަ ތަކެތި ގޭތެރެއަށް ވެއްދުމަށްވެސް ނަޞޭޙަތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި މިޓީމުގެ ފަރާތުން އެތަކެތި ގޭތެރެއަށް ވެއްދުމުގައި އެހީތެރިވެދޭނެ ކަމުގައިވެސް ދަންނަވަމެވެ.

މީގެ އިތުރަށް، ރަށުގައި ހަލުވިކަމާއެކު ފެތުރެމުންދާ ފާނަބަސަނދާއި އާންމު ރޯގާތަކުން ރައްކާތެރިވުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅިގެން މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ބޮޑު ބަލިމަޑުކަމުން އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމާއި، ރަށް ސަލާމަތްކުރުމަށްޓަކައި، ހުރިހާ ބޭފުޅުންވެސް ގޭގައި މަޑުކުރުމަށާއި، ފަރުދީ ޒިންމާ އަދާކުރުމަށް ނަޞޭހަތްތެރިވެ އިލްތިމާސް ކުރަމެވެ.

އަޅުގަނޑުމެންނަށް ދިމާވާ މިފަދަ ބޮޑެތި ކާރިޘާތަކުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވާފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، މިދަނޑިވަޅުގައިވެސް އެފަދައިން އެއްބާރުލުން ދެއްވުމަށް ކޮވިޑް-19 ޓާސްކްފޯސް އަދި މިކައުންސިލްގެ ފަރާތުން އެދެމެވެ.

21 މާރިޗް 2020