މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކޮވިޑް-19 އާއި ގުޅިގެން ރަށުން ފުރުމުގައި ޢަމަލުކުރަންވީ ގޮތް ބަދަލުވުން


ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅުއްވަމުން ގެންދަވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަށު ފެންވަރުގައި ތަންފީޒުކުރުމަށް ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުން، ރަށުގައި ޤާއިމްކޮށްފައިވާ ކޮވިޑް-19 ޓާސްކްފޯހުގެ ލަފާގެ މަތިން، 2020 އޭޕްރީލް 21 ވީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 ގެ ފަހުން، ތިރީގައިމިވާ ބޭނުންތަކަށް ފިޔަވައި، އެހެން ބޭނުމަކަށް އެއްވެސް އުޅަނދެއް ރަށުން ފުރުމާއި، ރަށަށް ލެފުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅަމެވެ.

  1. މަސްވެރިކަމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް، އެއްވެސް ރަށަކަށް މީހުން ނުފައިބާ ގޮތަށް މަސްވެރިކަން ކުރުމަށް.
  2. ރ.އުފުލަންދޫގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ދަނޑުވެރިކަން ކުރުމަށް.
  3. ޞިއްޙީ އިމަރޖެންސީ ޙާލަތެއްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށް.
  4. އެޗް.ޕީ.އޭގެ ހުއްދަ ލިބިގެން ރިސޯޓުތަކުން އަންނަ ރަށްވެހިން ރަށަށް ގެނައުމަށް ކުރާ ދަތުރުތައް.
  5. ރަށަށް ބޭހާއި ފެނާއި ކާބޯތަކެތި އަދި ކައްކާ ގޭސް ގެނައުމަށް ކުރާ ދަތުރުތައް.
  6. ކަރަންޓުގެ ޚިދުމަތަށް ބޭނުންވާ ތެލާއި އެނޫންވެސް ތަކެތި ގެނައުމާއި ގެންދިއުމަށް ކުރާ ދަތުރުތައް.
  7. ސަލާމަތީ ބާރުތަކުގެ ދަތުރުތައް.

މަތީގައި ބަޔާންކޮށްފައިވާ ބޭނުމަކަށްވެސް، ދަތުރު ކުރެވޭނީ ތިރީގައިވާ ގޮތުގެ މަތިން ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.

  1. “ދަތުރުކުރުމުގެ ހުއްދަ” ފޯމުގެ މަސައްކަތް ކުރިއަށްދާނީ އުތުރު ފަރާތު ބަނދަރުގައި ޤާއިމުކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކުންނެވެ. ޑެސްކަށް ދިއުމުގެ ކުރިން ޓާސްކްފޯހަށް (9693734) އަށް ގުޅައި ހުއްދަ ހޯދަންވާނެއެވެ.
  2. ރަށަށް އެރުމުގެ ހުއްދަދޭނީ، އެމީހަކު ހުރިތަނަކުން ފުރުމުގެ ކުރިން ޓާސްކްފޯހަށް (9693734) ގުޅައި ހުއްދަ ދިނުމުންނެވެ. އަދި މީހުން ދިރިއުޅޭ ރަށަކުންނަމަ، ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލުން ދޫކޮށްފައިވާ ދަތުރު ކުރުމުގެ ހުއްދަ ހޯދަންވާނެއެވެ. ރަށު ކައުންސިލްތަކުން ދަތުރު ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ރ.މަޑުއްވަރީގެ ޓާސްކްފޯހަށް (9693734) ގުޅައި ހުއްދަ ހޯއްދެވުމަށް ދަންނަވަމެވެ.
  3. “ދަތުރު ކުރުމުގެ ހުއްދަ” ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10 ން 12 އަށް، މެންދުރުފަހު 2 ން 4 އަށް އަދި ރޭގަނޑު 8 ން 10 އަށެވެ.
  4. ދަތުރު ކުރުމުގެ ހުއްދައަށް އެދޭއިރު ތިރީގައިމިވާ ތަކެތި ހުށަހަޅަންވާނެއެވެ.
    • ދަތުރުކުރާ އުޅަނދުގެ ރަޖިސްޓަރީގެ އަޞްލު ނުވަތަ ކޮޕީ
    • ދަތުރުގައި ބައިވެރިވާ ފަރާތްތަކުގެ އައިޑީކާޑުގެ އަޞްލު ނުވަތަ ކޮޕީ
  5. ދަތުރުކުރުމުގެ ހުއްދަ ހޯދުމަށްފަހުވެސް، ދަތުރަށް ފުރަންވާނީ، އުތުރު ފަރާތު ހާބަރ މޮނިޓަރިންގ ޑެސްކަށް ފޯމު ހުށަހަޅައި ފުރާގަޑި ނޯޓުކޮށް ސޮއިކުރުމުންނެވެ. ޑެސްކުން ސޮއިކުރާނީ ފޯމުގައި ބަޔާންކުރާ އުޅަނދާއި ދަތުރުގައި ބައިވެރިވާ ފަރާތްތަކާއި ފޯމުގައި ބަޔާންކޮށްފައިވާ ނަންތަކާއި ދިމާވޭތޯ ބެލުމަށްފަހުއެވެ.
  6. ދަތުރު ނިންމުމަށްފަހު އެނބުރި ރަށަށް އައިސް، އުތުރު ފަރާތު ހާބަރ މޮނިޓަރިންގ ޑެސްކަށް ފޯމު ހުށަހަޅައި އައިގަޑި ނޯޓުކޮށް ސޮއިކުރުވައި، ސްކްރީންކުރަންވާނެއެވެ.

ބަޔާންކުރެވުނު އުޞޫލުތަކާއި ޚިލާފަށް ޢަމަލުކުރަމުންގެންދާ ފަރާތްތަކުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި އެފަރާތްތަކަށް އިތުރަށް ދަތުރުކުރުމުގެ ހުއްދަ ނުދޭނެ ވަހާކަވެސް ދަންނަވަމެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

21 އޭޕްރިލް 2020