މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރ.މަޑުއްވަރީގައި މަގުމައްޗަށް ނިކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން


ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅުއްވަމުން ގެންދަވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަށު ފެންވަރުގައި ތަންފީޒުކުރުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 39/2020 އެންގުމުގެ 1 ވަނަ ނަންބަރުގައި ލޯކަލް ކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އޮތް މިންވަރަށާއި ޙާލަތަށް ރިޢާޔަތްކޮށް، އެއްވެއުޅުން ހުއްޓާލުމަށާއި އިޖުތިމާޢީ ގައިދުރުކަން ޤާއިމުކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކައުންސިލްތަކަށް ދެއްވާފައިވާ ބާރުގެ ދަށުން، ރަށުގައި އެކުލަވާލާފައިވާ ޓާސްކްފޯހުގެ މަޝްވަރާއާއި އެކު، 2020 އޭޕްރީލް 24 ވާ ހުކުރުދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

 1. ރ.މަޑުއްވަރީގައި، ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި އަދި އާންމުތަންތަނުގައި މީހުން އުޅުން މަނާކުރުން.
 2. މަތީގައި ބަޔާންކޮށްފައިވާ ވަގުތުތަކުގައި އެއްވެސް އުޅަނދެއް ރަށުން ފުރުން މަނާކުރުން.
 3. ޑެލިވަރީކުރުމުގެ ހުއްދަނެތް ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓްތައް މަތީގައި ބަޔާންކޮށްފައިވާ ވަގުތުތަކުގައި ބަންދުކުރުން.
 4. މަތީގައި ބަޔާންކޮށްފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، އެއްފަހަރާ 3 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން މަގުމަތީގައި އަދި އާންމުތަންތަނުގައި އުޅުން މަނާކުރުން.

ބަޔާންކުރެވުނު ފިޔަވަޅުތަކުން، ތިރީގައިމިވާ ފަރާތްތަކާއި އުޅަނދުފަހަރު އިސްތިސްނާ ވާނެއެވެ.

 1. ފާސްދޫކޮށްފައިވާ، ޓާސްކްފޯހާއި ސޯޝަލް ސަޕޯޓް ޑެސްކު އަދި ވޮލަންޓިއަރުންނާއި އެފަރާތްތައް ދުއްވާ އުޅަނދުފަހަރު.
 2. ޞިއްޙީ މަރުކަޒުގެ ޑިއުޓީ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލެންސް.
 3. ފުލުހުންނާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
 4. ފެނަކައިގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
 5. ފާމަސީތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
 6. މިސްކިތްތަގައި ބަންގި ގޮވުމަށްދާ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
 7. ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓްތަކުގެ ޑެލިވަރީ ކުރުމުގެ ހުއްދަ (ފާސް) ދޫކޮށްފައިވާ ތަންތަނުން، ޑެލިވަރީ ކުރުމަށް ބޭރަށް ނިކުންނަ ފަރާތްތަކާއި އެފަރާތްތަކުން ދުއްވާ އުޅަނދުފަހަރު.
 8. ޑެލިވަރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރު.

އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީގައި އަދި އާންމުތަންތަނުގައި މީހުން އުޅުން މަނާކުރުމަށް ކަނޑައަޅާފައިވާ ގަޑީގައި އެއްވެސް ފަރާތަކުން ޒަރޫރީ ޙާލަތެއް މެދުވެރިވެ، އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ، ސޯޝަލް ސަޕޯޓް ޑެސްކުގެ ހޮޓްލައިން 7709960 އަށް ގުޅުއްވުން އެދެމެވެ. އަދި މިވަގުތުތަކުގައި ރަށުގެ ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓްތަކުގެ ޑެލިވަރީގެ ޚިދުމަތް ޚިޔާރުކުރުމަށް ދަންނަވަމެވެ.

މިއެންގުމާއި ޚިލާފުވާ ފަރާތްތަކުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމާއެކު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

23 އޭޕްރިލް 2020