މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކަރަންޓީނު/ އެކަހެރި ކުރުމަށް އަންގާފައިވާ އެންގުންތައް ބާތިލްކުރުން


ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 39/2020 (20 އޭޕްރީލް 2020) އެންގުމުގެ 1 ވަނަ ނަންބަރުގައި، ލޯކަލް ކައުންސިލްތަކުގެ އިޙްތިސާސް ހިނގާ ސަރަޙައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އޮތް މިންވަރާއި ޙާލަތަށް ރިޢާޔަތްކޮށް، އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުނުވާނެ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިޙްތިސާސް ހިނގާ ސަރަޙައްދުތަކުގައި އެއްވެއުޅުން ހުއްޓުވުމަށާއި އިޖުތިމާޢީ ގައިދުރުކަން ޤާއިމްކުރުމަށް ފިޔަވަޅުތައް އެޅުމަށް ކައުންސިލްތަކަށް ވަނީ އަންގާފައެވެ.

މިއެންގުމަށް ރިޢާޔަތްކޮށް މިރަށުގެ ޓާސްކްފޯހުގެ ފަރާތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަޤްޞަދުގައި، މީހުން ދިރިއުޅޭ ރަށެއްގައި ޤާއިމްވެ ހުރުމަށްފަހު ރަށަށް އަންނަ ފަރާތްތައް 14 ދުވަހު ގޭގައި މަޑުކުރުމަށް އެންގުމަށް ވަނީ ނިންމާފައެވެ. ޓާސްކްފޯހުގެ ފަރާތުން މިނިންމުން ނިންމާފައިވަނީ، ކޮވިޑް-19 ރޯގާ މާލޭގައާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހަލުވިކަމާއެކު ފެތުރެމުންދާ މިންވަރަށް ރިޢާޔަތްކުރުމަށްފަހުގައި ކަމުގައި ދަންނަވަމެވެ.

އެހެންނަމަވެސް، މިދެންނެވި ފިޔަވަޅުތަކުގެ ތެރޭގައި، އެއްވެސް ފަރާތެއް ކަރަންޓީނު ކުރުމުގެ ނުވަތަ އެކަހެރިކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިނުވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-PRIR/308/2020/15 (15 މޭ 2020) ސިޓީއިން މިކައުންސިލަށް ވަނީ އަންގާފައެވެ. އަދި މީގެ ކުރިން މިކައުންސިލްގެ ފަރާތުން ނުވަތަ ކޮވިޑް-19 ޓާސްކްފޯހުގެ ފަރާތުން ކަރަންޓީނު ކުރުމަށް އަންގާފައިވާ އެންގުންތަކަކީވެސް ބާތިލު އެންގުންތަކެއްކަން މިސިޓީގައި ވަނީ ދަންނަވާފައެވެ.

އެހެންކަމުން، ކަރަންޓީނު/ އެކަހެރިކުރުމަށް މިކައުންސިލްގެ ފަރާތުން މިހާތަނަށް އަންގާފައިވާ އެންގުންތަކަކީ ބާތިލު އެންގުންތަކެއްކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15  މޭ   2020