މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލަށް އިޞްލާޙު ގެނައުން


އުޞޫލު ނަންބަރު 2020/4 (ރ.މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު) އަށް އިޞްލާޙު ގެނެސް، ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު – ފުރަތަމަ އިޞްލާޙު (6/2020) ނަމުގައި އުޞޫލު މިހާރު ވާނީ ގެޒެޓް ކޮށްފައެވެ. މިއުޞޫލަށް ގެނެވުނު އިޞްލާޙުތައް ތިރީގައި އެވަނީއެވެ.

 1. މިއުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ރ.މަޑުއްވަރީއަށް އެއްވެސް އޮޑިއެއް އެހެލަންވާނީ، އަދި އޮޑިއެއް ބާލަންވާނީ، މިއުސޫލުގެ ޖަދުވަލު 1 ގައިވާ “އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅައި، ކައުންސިލުން ހުއްދަ ދިނުމުންނެވެ.
 2. މިއުޞޫލަށް ޢަމަލުކުރުމުގައި ރަށަށް ނިސްބަތްވާ އޮޑިއެއް ކަމުގައި ބެލެވޭނެ ޙާލަތްތައް ތިރީގައި އެވަނީއެވެ. އަދި މިނޫން އުޅަނދުފަހަރު ބެލެވޭނީ ރަށުން ބޭރު އުޅަނދުފަހަރުގެ ގޮތުގައެވެ.
 • ރަށަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރު
 • ރަށުގެ ރަށްވެއްސަކާއެކު އެގްރިމެންޓެއް ހަދައި އެއެގްރިމެންޓުގެ ދަށުން ގެންގުޅޭ އުޅަނދުފަހަރުގެ ތެރެއިން އެގްރިމެންޓުގެ ކޮޕީ ހުށަހަޅާފައިވާ އުޅަނދުފަހަރު
 • ރަށުގެ ރަށްވެއްސަކަށް ވިއްކާފައިވާ ނުވަތަ ދީފައިވާ ކަމަށް ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް ނުވަތަ ޝަރުޢީ ކޯޓަކުން ޞައްޙަކަމަށް ކަނޑައަޅާފައިވާ ލިޔުމަކާއެކު ހުށަހަޅާފައިވާ އުޅަނދުފަހަރު.
 1. އޮޑިދޯނިފަހަރުގެ މަރާމާތުގެ މަސައްކަތްތަކުން އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލަން ޖެހޭނެއެވެ. މިފަދަ ކުނި ނައްތާލަންވާނީ ރ.މަޑުއްވަރީގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދާއި އެކަމާގުޅޭ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
 2. މިއުޞޫލުގެ ދަށުން ނެގޭ ކުލި ނަގަންފަށަންވާނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް، އޮޑިއެހެލާ ބޭލުމުގެ ކުރިން އުޞޫލުގައި ބަޔާންކުރާ ފޯމު ހުށަހަޅައި ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ.
 3. 1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ “އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު” ހުށަހަޅަންވާނެއެވެ. މިއުޅަނދުތަކަށް ކުލި ހިނގަން ފަށާނީ 1 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.
 4. މިއުޞޫލުގެ ދަށުން އެހެލާފައިވާ އޮޑިދޯނިފަހަރު ބާލަންވާނީ، އޮޑިއެހެލުމަށް ހުއްދަ ދިން ފޯމު ހުށަހަޅައި، އޮޑި ބޭލުމުގެ ހުއްދަ ކައުންސިލުން ހޯދުމަށްފަހުއެވެ.
 5. 1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ  ކޮންމެ  ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.
 6. 1 ޖަނަވަރީ 2021 ގެ ފަހުން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައި ނުވަތަ ކައުންސިލްގެ ހުއްދަ ހޯދުމަކާނުލައި އޮޑިއެއް އެހެލައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.
 7. އޮޑި ބާލާ ތާރީޚުން ފެށިގެން 3 މަސްދުވަސް ތެރޭގައި، މިކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، ކައުންސިލުން އެފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހެޅޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 އޮކްޓޫބަރު 2020