މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

1442 ވަނަ އަހަރުގެ ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ރޯދަ ވީއްލުމާއި ގުޅޭ!


މީގެ ކުރީ އަހަރުތަކުގައި ރަމަޟާން މަހު ރޯދަ ވީއްލުމަށް ރަށުގެ މިސްކިތްތަކަށް ގޭގެއިން ކާބޯތަކެތި ގެންދިއުމަކީ ވަރަށް ގިނަ ފަރާތްތަކުން ވަރަށް މާތް މަޤްޞަދެއްގައި ކުރަމުން އައި ކަމެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރިކަމާއެކު، މިސްކިތްތަކުގައި ގިނަ ބަޔަކު އެއްވެ ކެއިން ބުއިމުގެ ކަންކަން ކުރުމަކީ މިވަގުތަށް އެންމެ ރައްކާތެރިކަމަކަށް ނުވާނެތީއާއި، މިސްކިތުގެ ސާފުތާހިރުކަމަށް އިސްކަންދީ މިސްކިތް ސާފުކުރުމަށް މަސައްކަތު މީހުންނަށް ވަގުތު ދިނުމުގެ ގޮތުން މިއަހަރުގެ ރަމަޟާން މަހު ރަށުގެ މިސްކިތްތަކުގައި ރޯދަ ވީއްލުމަށް ގޭގެއިން ކާބޯތަކެތި ގެނައުމަކީ މިކައުންސިލުން ބާރުއަޅާ ކަމެއް ނޫންކަމުގައި ދަންނަވަމެވެ.

އަދި ހަމައެއާއެކު، ގިނަ ބަޔަކު އެކައްޗަކުން ކާތަކެތި ނެގުމަށް އަތްލުމާއި، ކެއިން ބުއިމަށް ހޭދަކުރާ ވަގުތުގައި މާސްކު ތިރިކޮށްލަން ޖެހޭނެތީއާއި، ގިނަ ވަގުތު މާސްކު ތިރިކޮށްގެން ގައިދުރުކަމެއްނެތި ތިބުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ޞިއްޙީ މާހިރުން ލަފާދީފައިވާތީ، ރައްކާތެރިގޮތަކީ ގެއިން ރޯދަ ވީއްލުމަށްފަހު މިސްކިތަށް ވަޑައިގެންނެވުން ކަމުގައި ދަންނަވަމެވެ.

އެހެންނަމަވެސް، އެކިއެކި ސަބަބުތަކާއިހުރެ މިސްކިތުން ރޯދަ ވީއްލަންޖެހޭ ނުވަތަ އެގޮތަށް ބޭނުންފުޅުވާ ފަރާތްތަކުން 500 އެމްއެލް އަށްވުރެ ބޮޑު ނޫން ފެންފުޅިއަކާއި އެކަކު ބޭނުންކުރާނެ މިންވަރަށް، ބަންދުކުރެވިފައިވާ އެއްޗަކަށް އަޅުއްވައިގެން (މިސާލަކަށް ކުޑަ ޖޫސްޕެޓީ ކޮތަޅެއްގައި ބަންދުކޮށްގެން) ކަދުރު ގެންނެވުން އެންމެ ރަނގަޅު ކަމުގައި ދަންނަވަމެވެ. އަދި މިސްކިތުގައި ރޯދަ ވީއްލުމަށް މާސްކު ތިރިކުރާއިރު ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

މީގެ އިތުރުން، މިސްކިތަށް ރޯދާ ވީއްލާނެ އެއްޗެއް ކޮންމެހެންވެސް ޞަދަޤާތްކުރައްވަން ބޭނުންފުޅުވާނަމަ، މަތީގައި ބަޔާންކުރެވުނު ގޮތަށް، ކުޑަ ފެންފުޅި ނުވަތަ އެކަކަށް ބޭނުންކުރެވޭ މިންވަރަށް (މިސާލަކަށް 3 ނުވަތަ 5 ކަދުރު) ހިމެނޭގޮތަށް ބަންދުކުރެވިފައިވާ ކަދުރު ޕެކެޓް (އިސްރާފް ނުވާ މިންވަރަށް) ގެންދެވިދާނެ ވާހަކަ ދަންނަވަމެވެ. ކުރީ އަހަރުތަކުގައި ގެންދާ އުޞޫލުން އެކި ބާވަތްތަކުގެ ހެދިކާއާއި ޖޫހާއި ފަންޏާއި ޕެކެޓްކުރި ބުއިންތަކާއި ލުއިކާނާގެ ބާވަތްތައް މިސްކިތަށް ނުގެންދިއުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ވީމާ، މިކަމުގައި ރައްޔިތުންގެ އިޚްލާސްތެރި އެއްބާރުލުން ކައުންސިލަށް ބޭނުންވާ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.