މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކޮވިޑް-19 ގެ ޙާލަތަށް ދީފައިވާ ލުއިތަކާއެކު، އެޗް.ޕީ.އޭގެ އެންގުންތަކާއި އުޞޫލުތަކަށް ރައްޔިތުން ސަމާލުވުން


ކޮވިޑް-19 ގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ދީފައިވާ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

 

ސްކޫލް ޗުއްޓީއާއި ޢީދު ބަންދާއި ދިމާކޮށް ޗުއްޓީ ހޭދަކުރެއްވުމަށް ރަށަށް ދަތުރުކުރައްވާ ބައެއް ފަރާތްތަކުން ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯއްދެވުމަށްފަހު ދަތުރާއި ބެހޭ މަޢުލޫމާތު މިކައުންސިލަށް ޙިއްސާނުކޮށް ދަތުރުކުރަމުންދާކަން މިހާރަކަށްއައިސް ފާހަގަކުރެވެއެވެ. އެހެންކަމުން، ދަތުރުކުރުމުގެ ހުއްދަ ލިބުމުން، ދަތުރުކުރާ ތާރީޚާއި، އަދި ފުރުމުގެ ކުރިން ރަށަށް އާދެވޭނެކަމަށް ލަފާކުރެވޭ ގަޑި މިކައުންސިލްގެ ހޮޓްލައިން 7580025 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ދަންނަވަމެވެ.

 

މީގެ އިތުރުން، ދަތުރުކުރައްވާއިރު، ރަނގަޅަށް މާސްކު އެޅުއްވުމާއި، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާއި ގައިދުރުކަން ބެހެއްޓުމާއި، ރަށުތެރޭގައި އުޅުއްވާއިރުއާއި، އެކި ޚިދުމަތްހޯދުމަށް ވަޑައިގަންނަވާއިރުވެސް ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސްކު އެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި ޢީދާއި ދިމާކޮށް ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށާއި، ކުޅިވަރު މުބާރާތްތައް ނުބޭވުމަށާއި، އެހެން ރަށްރަށުން މީހުން ގެނެސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށްވެސް އިލްތިމާސް ކުރަމެވެ.

 

ކެފޭ ރެސްޓޯރަންޓް ތަކާއި ފިހާރަތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރައްވާއިރު، ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުމާއި، ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ މަރުކަޒަށް އެކަން އެންގުމާއި، ޓެސްޓުކުރުމަށް ސާމްޕަލް ނަގައިފިނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުމަށް ނަޞޭޙަތްތެރިވަމެވެ. މީގެ އިތުރުން، ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށާއި، ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ރަށުގެ އެހެން ފަރާތްތައް ބައްދަލުނުކުރުމަށްވެސް އިލްތިމާސްކުރަމެވެ.

 

މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

 

12  ޖުލައި 2021

ނަންބަރު: (IUL)308/2021/45