ރަށުގެ ތަޢާރަފް

 

މާޅޮސްމަޑުލު އުތުރުބުރީ ނުވަތަ ރ. އަތޮޅަކީ ބަރަވެލި ކަނޑުން ހުޅަނގަށް އުތުރުން ދެކުނަށް އުފެދިފައިވާ މުރަކައިގެ އަތޮޅެކެވެ. މި އަތޮޅަށް ދީފައިވާ އިނގިރޭސި އަކުރަކީ E (އީ) އަކުރެވެ. އަތޮޅުގައި ވެރިކަން ކުރާ ރަށަކީ އުނގޫފާރެވެ. މި ގޮތުން މަޑުއްވަރީ އަށް ދީފައިވާ ނަންބަރަކީ E-12 އެވެ. އަތޮޅުވެރިކަން ކުރާރަށް އުނގޫފާރާ ދެމެދުގައި 13.5 ނޯޓިކަލް މޭލު ހުންނައިރު ވެރިކަން ކުރާރަށް މާލެއާއި ދެމެދުގައި ހުންނަނީ 87 ނޯޓިކަލް މޭލެވެ.
މިރަށަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރަށެކެވެ. މިގޮތުން ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށްވަށައިގެން ބޮޑު ހިލަޖަހާ ހިމާޔަތްކޮށްފައިވާ ރަށެކެވެ. އަދި ކުނިބުނީގެ މައްސަލައަކީވެސް ހަމައެހާމެ ކަންބޮޑުވާ މައްސަލައެކެވެ. މިރަށަކީ 21.06 ހެކްޓަރުގެ ބިންފުރިފައިވާ ރަށެކެވެ. ގޯތި އިތުރަށް ދޭނެ އެކަށީގެންވާ ބިމެއްނެތް، މިހާރު މިއަތޮޅުގައި މީހުން ދިރިއުޅޭ އެންމެ ކުޑަރަށެވެ.
މާޒީއަށް ބަލާލާއިރު މިރަށަކީ ބޭރުދަތުރުކުރާ ވަރަށްގިނަ އޮޑިފަހަރު ދުއްވިރަށެކެވެ. އަދި އެޒަމާނުގާ ވާރުކަންކޮށް (އަތޮޅު ވެރިކަން) ކޮށްފައިވާ ރަށެކެވެ.
މިރަށަކީ މަސްވެރިކަމުގެ ރޮނގުން އަތޮޅުގައި އެއްވަނަ ދަރަޖާގައި ފާހަގަކޮށްލެވޭ އެއްރަށެވެ. އަދި މީގެ އިތުރުން ދަނޑުވެރިކަންކުރުމާއި ރިސޯޓް މަސައްކަތްކުރުމާއި، ކޮންސްޓުރަކްޝަންގެ މަސައްކަތްތަކާއި، ފަންގިވިނުމާއި، ރޯނުވެށުން ފަދަ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ހީވާގި ބަޔަކުދިރިއުޅޭ ރަށެކެވެ.
ރަށުގެ ޢުމްރާނީ ތަރައްޤީއަށް ބާލާއިރު ޢަދުލު އިންސާފު ޤާއިމްކުރުމަށްޓަކައި، ރަށުކޯޓާއި، ރަށު ކައުންސިލް އިދާރާ ޢިމާރާތްކުރެވި އެތަނުން ޚިދުމަތް ލިބެން ހުންނައިރު، ރަށުގެ ޞިއްޙީ މަރުކަޒުން ޑޮކްޓަރުންގެ ޚިދުމަތާއި ނަރުހުންގެ ޚިދުމަތް ލިބެމުންދާއިރު، ރަށުން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަކަށް ކިޔެވުމުގެ މަގު ތަނަވަސްވެފައިވެއެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު ރަށުގެ ކޮންމެ ރައްޔިތަކީވެސް ތަރައްޤީއަށް ލޯބިކުރާ އަދި ތަރައްޤީއަށް މަސައްކަތް ކުރުމުގައި އެބައިމީހުންގެ ޖާނާއި މާލު ދޭންވެސް ތައްޔާރަށް ތިބި ބައެއްކަން އެބައިމީހުންގެ މަސައްކަތުން ހާމަކޮށްދެއެވެ.

 

ވިޝަން

ރ. މަޑުއްވަރީ އަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނަށް ޙުރުމަތްތެެރިކޮށް ހިތައި އިޤްތިޞާދީގޮތުން މިހާރަށްވުރެ ފުދުންތެރި އިޖްތިމާއީގޮތުންނާއި ޢުމްރާނީގޮތުން ތަރައްޤީވެ، މުވާޞަލާތާއި ޓެކްނޮލޮޖީގެ ގޮތުން  ކުރިއަރާފައިވާ، ދީނީގޮތުންނާއި ދުނިޔަވީގޮތުން ހޭލުންތެރިކަން އިތުރުވެ، ހަކަތައިގެ ބާވަތްތަކާއި ތިމާވެށީގެ މައްސަލަތަކަށް ރައްކާތެރިވެ، ޖިންސްގެ ތަފާތުކަމެއްނެތި ފުރުޞަތުލިބިދެވޭ، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ، ރަށުގެ ތަރައްޤީއަށް އިސްނަގައިގެން މަސައްކަތްކުރާ، ތަޢުލީމީ ދަރިންތަކެއް ދިރިއުޅޭ ރަށަކަށްވުން

މިޝަން

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީއަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތާ، ކުށްމަދު، އިޖްތިމާޢީރޫޙު ވަރުގަދަ، އިޤްތިޞާދީގޮތުން ފުދުންތެރި، ދީނީގޮތުން ހޭލުންތެރި، ބަވަނަވެފައިވާ ދުނިޔެއަށް ހޭލުންތެރި، ތަހުޒީބު ތައްޔިތަކު ދިރިއުޅޭ ރަށަކަށްހެދުން