ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން އިންގުމުގެ ޤާނުގައި ރަށުކައުންސިލްތަކަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި ބާރުތައް


(ހ) ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރަށްވެހިކަމުގެ ޙިދުމަތްތަށް ދިނުން.
(ށ) ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.
(ނ) ރަށު ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިއާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫއުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް މި ޤާނޫނުގައިވާ ގޮތުގެމަތީން ތަންފީޒުކުރުން.
(ރ) ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫއުތައް ތަންފީޒުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރިވެ، މިނިސްޓްރީތަކުންނާއި، އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
(ބ) މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުން.
(ޅ) މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
(ކ) ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތަށް ބެލެހެއްޓުން.
(އ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިގްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
(ވ) އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.
(މ) އިގްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
(ފ) ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކިއެކި ކަންކަމަށް ފަންޑު އުފެއްދުން.
(ދ) ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
(ތ) ކައުންސިލުން ދޭ ޙިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޙިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
(ލ) މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން.
(ގ) ކައުންސިލްގެ ބެލުމުގެ ދަށުން ޙިދުމަތް ދެވޭ ތަންތަންތަނާއި ކައުންސިލް އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
(ޏ) ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުން.
(ސ) ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
(ޑ) މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
(ޒ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުންކުރުން.
(ޓ) ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.
(ޔ) ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
(ޕ) ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ޤާނޫނާ ޙިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙްޤީގު ކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
(ޖ) ރަށު ކައުންސިލްގެ އިދާރާ ހިންގުން.
(ޗ) ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
(ހހ) ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
(ހށ) މިޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ފާސްކުރާ ލޭންޑްޔޫސްޕލޭނާއި ކައުންސިލްތަކުން އެކުލަވާލާ އެރަށެއްގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން އެރަށެއްގެ ބިން ބޭނުންކުރުން.
(ހނ) ޤައުމީ ތަރައްޤީގެ ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން އަގުގެ ގޮތުން 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމާއި، ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބަލަހައްޓައި، އެމަޝްރޫއުތައް ހިނގަމުންދާގޮތް ސަރުކާރުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ސަރުކާރަށް އަންގަމުން ދިޔުން.
(ހރ) ރަށު ފެންވަރުގައި ކަައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން އެކި ފަރާތްތަކާއެކު އެގްރިމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން.
(ހބ) ރަށުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެބީދޭސީންގެ ދަފްތަރު އެކުލަވާލައި ބަލަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް ޤައުމީ އިދާރާއާއި ގުޅިގެން އަޅައި، އަހަރަކު އެއްފަހރު ކަމާގުޅޭ އިދާރާއަށް ރިޕޯޓްފޮނުވުން.
(ހޅ) ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ޙާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބަލައި، ޤައުމީ އިދާރާތަކަށް ރިޕޯޓުކުރުން.
(ހކ) ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އުޞޫލުތަކާއި ޤަވާއިދުތައް ފާސްކުރުން.
(ހއ) ކައުންސިލްގެ މަޤޞަދުތައް ޙާސިލުކުުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ޙަރަކާތްތައް ހިނގާނުހިނގާގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
(ހވ) ދަޢުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާދެމެދު ގުޅުން ޤާއިމްކުރުން.