މިރަށު މަސްޖިދުލް އަމާނާގެ މުދިމް މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމާއި ގުޅިގެން ކައުންސިލުން ނެރޭ ނޫސްބަޔާން


 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުވައްޒަފު، މިރަށު މަސްޖިދުލް އަމާނާގެ މުދިމް، އަލްފާޟިލް މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކުރެއްވި ޗިޓް ވަނީ މިކައުންސިލަށް ލިބިފައެވެ. ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން މިރަށުގައި އުޅޭކަމަށްބުނެ ސަލާމަތީ ބާރުތަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު މިރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މައުޖޫދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ބަންދުކޮށްފައިވަނީ ކުޑަކުދިންތަކެއް ލައްވާ ބަންގިގޮވާ ނަމާދުކުރުވައި، އެކުދިންނަށް ނަޞޭޙަތްދީ، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި ކަމަށް އޭނާ ބުނެއެވެ.

 

އެހެންނަމަވެސް ދަޢުލަތުން މައުޖޫދާއި ދެކޮޅަށް ކޮށްފައިވަނީ، ތުހުމަތުކުރި މައްސަލައިގެ ދައުވާއެއް ނޫނެވެ. ދަޢުލަތުން ކޮށްފައިވާ ދައުވާއަކީ ޓެރެރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ދައުވާއެވެ. މައުޖޫދު ހައްޔަރުކުރިތާ ދެމަހެއްހާ ދުވަސްފަހުން އޭނާ ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ ވަޒީފާއަށް ނެރުމަށާއި ބަންދުގައި ހުރި ދުވަސްތަކަށް މުސާރަ ދިނުމަށްވެސް އަންގަވާފައެވެ.

 

މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރިވސް ޤަވާއިދު 2014 ގެ 271 ވަނަ މާއްދާގެ (ނ) ގެ 18 ވަނަ ނަންބަރުގެ ދަށުން (ޤާނޫނެއްގެ ދަށުން އެޤާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާ ތަހުޤީޤަކުން މުވައްޒަފު ކުށެއްކޮށްފައިވާކަން ސާބިތުވުން) ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިމައްސަލައަކީ މިހާރުވެސް ޝަރީޢަތުގައި ހިނގަމުންދާ މައްސަލައަކަށްވެފައި، މައުޖޫދާއި ދެކޮޅަށް ޝަރީޢަތުގައި އެއްވެސް ކަމެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާކަން އަދި މިހާތަނަށް މިކައުންސިލަށް އެނގިފައި ނުވާކަން ފާހަގަކުރަމެވެ.

 

މައުޖޫދުގެ މިމައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އެޗް.އާރު.އެމް.ޑީ ކޮމެޓީން މައުޖޫދު ވަޒީފާއިން ވަކިކުރުމުގެ އިސްލާޙީ ފިޔަވަޅު އެޅުމަށް ނިންމިކަމަށް އަންގައި، 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ވަނީ މައްސަލައާއިމެދު ޖަވާބުދާރީވުމަށް 5 ދުވަހު މުއްދަތެއް ދީފައެވެ. މިމުއްދަތުގެ ތެރޭގައި މައުޖޫދުވަނީ ވަރަށް ތަފްޞީލްކޮށް ކަންހިނގައި ދިޔަގޮތް ބަޔާންކޮށް ޖަވާބުދީފައެވެ. އަދި އޭގެ ފަހުން، ވަޒީފާއިން ވަކިކުރުމުގެ ޗިޓް ފޮނުވުމާއި ހަމައަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިތުރު މުއާމަލާތެއް ކޮށްފައިނުވާކަން މައުޖޫދު ފާހަގަކޮށްފައިވެއެވެ.

 

އެހެންނަމަވެސް، 2020 ނޮވެންބަރު މަހު އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިކައުންސިލުން މައުޖޫދާއި ގުޅުންހުރި މައުލޫމާތުތަކެއް ހޯދާފައިވެއެވެ. އެގޮތުން މައުޖޫދުގެ މައްޗަށް ތުހުމަތު ކުރެވުނު ޓެރެރިޒަމަށް ހިތްވަރުލިބޭ ވާހަކަ ދައްކާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤު ނިންމާ ބަންދުން ދޫކޮށްލިފަހުން އޭނާގެ ޢަމަލުތައް ހުންނަ ގޮތާއި، އޭނާގެ އުޅުން އޭގެފަހުން އިޞްލާޙުކޮށްފައިވޭތޯއާއި، އަދި ތުހުމަތު ކުރެވުނު މައްސަލައާއި ގުޅުންހުރި ކަންކަން ކުރާކަމުގެ އެއްވެސް މައުލޫމާތެއް މިކައުންސިލަށް ފާހަގަކުރެވިފައިވާނަމަ އެކަން އަންގައިދިނުމަށް އެދިފައިވެއެވެ. މީގެ ޖަވާބުގައި މައުޖޫދު އެފަދަ އެއްވެސް ކަމެއް، ބަންދުކުރުމުގެ ކުރިންވެސް އަދި ފަހުންވެސް ކޮށްފައިވާކަން މިކައުންސިލަށް އެނގިފައިނުވާކަމާއި، އޭނާއަކީ ރަށުގައި ބަންގިގޮވާ އިމާމުވެ ނަމާދު ކުރާނެ މީހަކު ނެތި ދިޔަ ދަނޑިވަޅެއްގައި، މިމަޤާމާއި ޙަވާލުވެ މަސައްކަތްކުރަން ފެށި ފަރާތެއްކަމާއި، ރަށުގައި މަރުވާ މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންކަމުގައި ކައުންސިލުން އެދުނު ކޮންމެ ފަހަރެއްގައި އެކަން ކުރުމުގައި އެންމެ އިސްސަފުގައި މައުޖޫދު ހުންނަކަމާއި، ޖެހިޖެހިގެން ގިނަ ހަފްތާތަކެއްގައި ހުކުރު ކުރަން އެދުނު ކަމުގައިވީނަމަވެސް، އެއްވެސް ޝަކުވާއެއްނެތި، ކައުންސިލުން އެދުނު ކޮންމެ ފަހަރަކު އެކަން ކޮށްދީފައިވާކަން ބަޔާންކޮށްފައިވާނެއެވެ.

 

އޭގެ އިތުރުން ރަށުގައި ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައާއި، ވަކިން ޚާއްސަކޮށް މިސްކިތްތަކުގައި ބޭއްވޭ ދަރުސްތައް އިންތިޒާމްކުރުމުގައި، އިސްލާމިކް މިނިސްޓްރީގެ ޓީމްތަކަށާއި ކައުންސިލަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިން ފަރާތަކީވެސް މައުޖޫދުކަން ފާހަގަކޮށްފައިވާނެއެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުންނަކީ ޢާންމުކޮށް މިސްކިތު ޖަމާޢަތުގައި ބައިވެރި ނުވާ، ހުކުރު ނަމާދުގައި ބައިވެރިނުވާ، އަދި ކަށުކަމާކެމީގެ ކަންކަމުގައިވެސް ބައިވެރިނުވާ ފަރާތްތަކެއްކަމާއި، މިއާއި ޚިލާފަށް، މައުޖޫދު ފާހަގަކުރެވިފައިވަނީ، ކަށުކަމާކެމީގެ ކަންކަމާއި، ހުކުރު ކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ، އަދި  މިސްކިތު ޖަމާޢަތަށް ދިއުމަށް މީހުންނަށް ބާރުއަޅާ ފަރާތެއްގެ ގޮތުގައި ކަންވެސް ފާހަގަކޮށްފައިވާނެއެވެ. ޓެރެރިޒަމްއަށް ހިތްވަރުލިބޭ ވާހަކަ ދެއްކުމާއި ޓެރެރިސްޓް ޖަމާޢަތަކަށް ތާއިދުކުރާކަހަލަ އެއްވެސް ކަމެއް އެއްވެސް އިރެއްގައި މައުޖޫދުގެ ފަރާތުން ފާހަގަވެފައި ނުވާއިރު، މައުޖޫދަކީ ދީނުގައި އަންގަވާފައިވާ ގޮތާއި ރަސޫލާ (ޞ) ގެ ސުންނަތާއި އެއްގޮތަށް އުޅުމަށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވެސް ބަޔާންކޮށްފައިވާނެއެވެ.

 

ކައުންސިލުން ފާހަގަކުރި އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއްނެތި، މައްސަލައަށް މައުޖޫދު ޖަވާބުދާރީވިތާ އަހަރެއްހާ ދުވަސްފަހުން، އަދި ކައުންސިލްގެ ފަރާތުން މަޢުލޫމާތު ހޯދިތާ 9 މަސްފަހުން މައުޖޫދަށް އިތުރު ނޯޓިސްއެއް ދިނުމަކާއި ނުލައި، އަދި މިކައުންސިލަށް އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް ކުއްލިއަކަށް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ފޮނުވުމަކީ މިކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މައްސަލަ އާއިމެދު ޝަރީޢަތުން މައުޖޫދުގެ މައްޗަށް ކުށެއް ސާބިތުނުވަނީސް، މިފަދަ ބޮޑު އަދަބެއްދީ ވަޒީފާއިން ވަކިކުރުމުމަކީ އިންސާފުން ބޭރުންކޮށްފައިވާ ކަމެއްކަމަށް  މިކައުންސިލުން ޤަބޫލުކުރާ ހިނދު، މުޙައްމަދު މަޢުޖޫދުގެ ވަޒީފާ އަލުން އަނބުރާ އިޢާދަކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ގޮވާލަމެވެ.

 

މިވޭތުވެދިޔަ އަހަރުތަކުގައި މުޙައްމަދު މައުޖޫދު މަޑުއްވަރީއަށާއި މަޑުއްވަރީގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކަށާއި، ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މަޑުއްވަރީގެ ރައްޔިތުންގެ ނަމުގައާއި ކައުންސިލްގެ އެންމެހާ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

 

13 އޮގަސްޓް 2021