އިންޑިޔާގެ ބީޖޭޕީގެ އިސްތަރުޖަމާނު، ކައު އިތުރު މާތް ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށް، ފާޅުގައި ބަދުބަސް ބުނެފައިވާތީ، އެކަން ކުށްވެރިކޮށް ރ.މަޑުއްވަރީ ކައުންސިލުން ނެރޭ ނޫސްބަޔާން


PR-308-2022-01

 

މާތްވެގެންވާ އިސްލާމް ދީނަށާއި، އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނުގެ ކައިވެނިފުޅުތަކާއި ގުޅޭގޮތުން ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ދޮގު ވާހަކަ ދައްކައި، ތައުހީނުކޮށް ބަދުބަސްބުނެ، އިންޑިޔާގެ ވެރިކަންކުރާ ބީޖޭޕީގެ އިސްވެރިން ދައްކާފައިވާ ހަޑިމުޑުދާރު ވާހަކަތައް، މިކައުންސިލްގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މި ނުބައި ޢަމަލު މުޅި އިސްލާމީ އުއްމަތުން ކުށްވެރިކުރަމުން އަންނައިރުވެސް، އެކަމަށް ފަސްޖެހުމެއްނެތި އެބައިމީހުން ސޯޝަލް މީޑިއާއާއި އެނޫންވެސް ޕްލެޓްފޯމްތަކުގައި މާތް ނަބިއްޔާގެ ޒާތުފުޅަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބުނަމުން އަންނަކަމީ އެންމެހާ މުސްލިމުން ނުހަނު ހިތާމަކޮށް ކަންބޮޑުވާ ކަމެކެވެ.

 

މުޅި އިސްލާމީ އުއްމަތަށް ގޮންޖަހައި މިހަޑިހުތުރު ޢަމަލު ހިންގަމުން އަންނަ ފަރާތްތަކާއި އޮންނަ ގުޅުން ކަނޑާލުމަށް، މިކައުންސިލުން ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އަރުވާފައިވާ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާގެ ލަޤަބު މިހިނދުން މިހިނދަށް އަނބުރާ ނެގުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.

 

މީގެ އިތުރުން، މިމައްސަލަ ބަލައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަކު އެމަޖިލީހަށް ހުށަހެޅުއްވި މައްސަލަ، މަޖިލީހުން ބޭރުކޮށްލި ކޮށްލުމަކީ މިޤައުމަށާއި މުޅި އިސްލާމީ އުއްމަތަށް ކުރި މަލާމާތެއްގެ ގޮތުގައި މިކައުންސިލުން ސިފަކުރަމެވެ. މިޢަމަލަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އެއްބަސްވެފައިވާ ތަފާތު އެއްބަސްވުންތަކާވެސް ޚިލާފު، އަދި މާތްވެގެންވާ އިސްލާމް ދީނާއިމެދު ނަފްރަތު އުފެއްދުމަށް ކުރާ ވަރަށް މުޑުދާރު ޢަމަލެއްގެ ގޮތުގައި މިކައުންސިލުން ސިފަކުރަމެވެ.

 

މިފަދަ ނުބައި ޢަމަލުތަކަކީ ކޮންމެ މުސްލިމެއްގެވެސް ލޭކެކޭނެ ކަމަކަށް ވީހިނދު، ބީޖޭޕީގެ މި ޢަމަލު ތަކުރާރުކޮށް ކުށްވެރިކުރާ ޙާލު، ދިވެހި ސަރުކާރާ ބީޖޭޕީއާ ދެމެދު އޮންނަ ގުޅުން ވަގުތުން ކަނޑާލުމަށް މިކައުންސިލުން ގޮވާލަމެވެ.

 

12 ޖޫން 2022