އިރުވެލި މާލަން ހުޅުވުމާއި ކައުންސިލް ރީބްރޭންޑްކޮށް، ވެބްސައިޓް އިފްތިތާހްކުރުން

21 ނޮވެމްބަރ 2020


ރ. މަޑުއްވަރީ ކައުންސިލް ރީބްރޭންޑްކޮށް ކައުންސިލްގެ ވެބްސައިޓް އިފްތިތާހްކޮށްފިއެވެ.

އެގޮތުން އިރުވެލި މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ހުޅުވިގެންދިޔައީީ އިރުވެލި މާލަމެވެ. މިއީ ކައުންސިލްގެ މާލިއްޔަތުން ޚަރަދުކޮށްގެން ޖަލްސާތަކާއި އެކިއެކި ސެމިނަރތަކާއި ވޯކްޝޮޕްތައް ބޭއްވުމުގެ މަޤުޞަދުގައި ތަރައްޤީކުރެވުނު ޢިމާރާތެކެވެ. އޭގެ އިތުރުން މި ރަސްމިއްޔާތުގައި ކައުންސިލްގެ ރަސްމީ ވެބްސައިޓްވެސް ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ކައުންސިލްގެ ލޯގޯއާއި ކައުންސިލްގެ ރަމްޒުގެ އިތުރުން މުވައްޒަފުންގެ އައިޑެންޓިފިކޭޝަން ކާޑާއި، ބިޒްނަސް ކާޑުގެ އިތުރުން މުވައްޒަފުންގެ ޔުނީފޯމުވެސް ވަނީ ދައްކާލާފައެވެ.

ކައުންސިލްގެ ލޯގޯ އިފްތިތާޙުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ރ.އަތޮޅު ޕޮލިސް ކޮމާންޑަރ، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް އެވެ. އަދި ކައުންސިލްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ ކައުންސިލްގެ ރައީސް ޞަބީޙާ މުޙައްމަދު އެވެ. މިރަސްމިއްޔާތުގައި، ކައުންސިލް ރީބްރޭންޑްކުރުމާއި ޑިޖިޓަލްވުމަށް ކުރި ދަތުރު ވަރަށް ތަފްޞީލްކޮށް ވަނީ ހުށަހަޅުއްވައިދެއްވާފައެވެ. ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަމްވީލް ވިދާޅުވި ގޮތުގައި މިއީ މިވޭތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި ކުރެވުނު ވަރަށް ބޮޑު އަދި ބުރަ މަސައްކަތެކެވެ. އަދި މިކަމުގައި މަޑުއްވަރީ ކައުންސިލްގެ ހީވާގި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް އެމުވައްޒަފުންނަށް ޝުކުރު އަދާކުރިއެވެ.

ކައުންސިލްގެ ލޯގޯއިން ފެނިގެންދަނީ ފަނުން ވިޔެފައިވާ މަހެއްގެ ފަހަތުން ކައުންސިލްގެ ނަން ފަވާލެވިފައިވާ މަންޒަރެވެ. މިލޯގޯ ތަފްޞީލު ކޮށްދެއްވަމުން ވަގުތީ ސެކްރެޓަރީ ޖެނެރަލް ފާހަގަކޮށްފައިވަނީ، މަޑުއްވަރީއަކީ މަސްވެރިކަމަށް ޚާއްސަ ރަށެއްކަމާއި، މަޑުއްވަރީގައި ގިނަ އަދަދެއްގެ މަސްދޯނިފަހަރު ގެންގުޅޭކަމެވެ. އަދި ދުވަހު މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަމާއި، ފަރުމަސްވެރިކަމާއި، ހުއިފިލަނޑާގެ އިތުރު އެނޫންވެސް ތަފާތު ބާވަތްތަކުގެ މަސްވެރިކަން ރަށުގައި ކޮށްއުޅޭކަމެވެ. މީގެ އިތުރުން ފާހަގަކޮށްފައިވަނީ، ރަށުގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަސްވެރިކަމަށް ކަމަށާއި، ރަށު ކައުންސިލް ނުވަތަ މަޑުއްވަރީގެ އެންމެ އިސް މުއައްސަސާ ރަމްޒުކޮށްދިނުމަށް އެންމެ އެކަށީގެންވަނީ މަސްވެރިކަމާއި ގުޅުންހުރި ލޯގޯއެއް ކަމަށެވެ. ލޯގޯގައި ފަނުން ވިޔެފައިވާ މަހެއް ހިމަނާފައިވުމުން، ރަށުގެ ރައްޔިތުންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ އިތުރުން ހުނަރާއި ޤާބިލިއްޔަތު ރަމްޒުކޮށްދޭ ކަމަށް އެސް.ޖީ ފާހަގަކުރައްވާފައިވެއެވެ. އަދި ތަފާތު ދެކުލައިގެ ފަން އެއްފަން އަނެއް ފަނާއި ގުޅިލާމެހިފައިވުން ރަމްޒު ކޮށްދެނީ ތަފާތު ވިސްނުމާއި ފިކުރުގެ ރައްޔިތުން އެކަކު އަނެކަކާއި ގުޅިފައިވާ މިންވަރު ކަމުގައި ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ރަމްޒު ނުވަތަ ފާހަގައިން ފެންނަ ކުރެހުމަކީ އިހުގެ މަހާނަ ގާތަކާއި މިސްކިތްތަކުގެ ފާރުގައި ހިރިގަލުން ކަނޑާނަގާފައި ހުންނަ ކުރެހުމެއް ކަމަށާއި، މިކުރެހުމުން ދިވެހިންގެ ފަންނުވެރިކަމާއި ދިވެހި ތާރީޚާއި ޘަޤާފަތް ރަމްޒުކޮށްދޭކަމަށް ރޭގެ ޖަލްސާގައި ފާހަގަކުރައްވާފައިވެއެވެ. އަދި މަހުގެ ވަށައިގެން ގަތާފައިވާ ކުރެހުމުން، ރަށުގެ ރައްޔިތުން އެކަކު އަނެކަކާއި ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭކަމަށާއި ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު ރަމްޒުކޮށްދޭކަމަށް އެސް.ޖީ ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރޭ އިފްތިތާޙުކުރެވިގެން ދިޔަ ވެބްސައިޓުގެ ކުރު ޚުލާސާއެއްވެސް އެސް.ޖީގެ ވާހަކައިގައި ވަނީ ހިމަނާފައެވެ. އެގޮތުން ކައުންސިލާއި ގުޅުންހުރި އެންމެފަހުގެ ޚަބަރާއި މަޢުލޫމާތާއި، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތާއި، ރަށުގެ އާބާދީއާއި، އިޖްތިމާއީ އަދި އިޤްތިޞާދީ މަޢުލޫމާތު ވެބްސައިޓް މެދުވެރިކޮށް ޢާންމުންނަށް ފެންނާނެކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލް ޖަލްސާތަކުގެ އެޖެންޑާ އާއި ނިންމުންތަކާއި، ކައުންސިލްގެ ޤަވާއިދުތަކާއި ކައުންސިލުން ފާސްކުރާ އުޞޫލުތަކާއި، ކައުންސިލުން ކުރާ އިޢުލާނުތަކާއި އެކިއެކި ޚިދުމަތްތަކަށް އެދޭ ފޯމުތައް ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، މިވެބްސައިޓް ފަރުމާކޮށްފައިވަނީ ހަމައެކަނި މަޢުލޫމާތު ހާމަކުރުމަށް އެކަނި ނޫންކަމަށާއި، ކައުންސިލުންދޭ ބައެއް ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމްތައް ހަމަޖައްސައި، 2021 ވަނަ އަހަރުގެ ޖަނަވަރީ 1 ން ފެށިގެން މިޚިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެސް.ޖީ ފާހަގަކުރައްވާފައިވެއެވެ. އަދި މިއަހަރުގެ ބާކީމިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އޮންލައިން ޚިދުމަތްތަކުގެ ޓެސްޓް ޓްރައިލްތައް ކުރިއަށް ގެންދާނެވާހަކަވެސް ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ވެބްސައިޓެއް އިފްތިތާޙުވެގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭޙަކަމެއް ކަމަށާއި، ވަކިން ޚާއްސަކޮށް އިދާރާއަށް ނުގޮސް ފޯމުތަކާއި ޚިދުމަތްތައް ލިބުމަކީ ވަރަށްވެސް ބޮޑު ފަސޭހައެއްކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.