ރ.އަތޮޅު ޤުރްއާން މުބާރާތަށް ބައިވެރިން ނެގުމަށް އޮޑިޝަން ބާއްވައިފި

8 އޮގަސްޓް 2023


ރ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރްއާން މުބާރާތަށް ބައިވެރިން ހޮވުމަށް ރ.މަޑުއްވަރީގެ އޮޑިޝަން ބާއްވައިފިއެވެ.

އިއްޔެ ހަވީރުން ފެށިގެން އިރުވެލި މާލަމުގައި ކުރިއަށް ދިޔަ މި އޮޑިޝަންގައި ޖުމްލަ 49 ދަރިވަރުން ބައިވެރިވެ ކިޔެވުން ހުށަހަޅައިދީފައިވާއިރު މީގެތެރެއިން އަތޮޅު މުބާރާތުގައި ވާދަކުރުމަށް ސްކޫލު ދަރިވަރުންގެ ތެރެއިން ހޮވޭނީ ކޮންމެ ކީސްޓޭޖަކުން 4 ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 2 ބައިވެރިންނެވެ. މީގެ އިތުރުން މުއައްސަސާތަކުގެ ބައިންވެސް މިއަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު  18 އަހަރުން މަތީގެ ޢުމުރުފުރާއިން ކޮންމެ ގޮތްޕަކުން ބައިވެރިއަކު ހޮވުމަށް ވަނީ ހުޅުވާލާފައެވެ. މިބައިގައި ބައިވެރިވެވޭނީ އެރަށެއްގައި ޙަރަކާތްތެރިވާ ކުލަބް ޖަމްޢިއްޔާތަކާއި ރަޖިސްޓަރީކޮށްގެން ހިންގާ ޤުރްއާން ކުލާސްތަކަށެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ވާދަކުރުމަށް ރ.އަތޮޅު ކައުންސިލްގެ ޓީމަށް ޖުމްލަ 26 ބައިވެރިން އަތޮޅު ޤުރްއާން މުބާރާތުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ނެގޭނެއެވެ. އެއީ ސްކޫލްތަކުގެ ބައިން ކޮންމެ ގޮތްޕަކުން 12 ބައިވެރިންނާއި މުއައްސަސާތަކުގެ ބައިން ކޮންމެ ގޮތްޕަކުން އެއް ބައިވެރިއެކެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހަމަވާނެއެވެ. މިމަހުގެ 31 ގައި މިމުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތް ބާއްވާނެ ރަށެއް އަދި މިހާތަނަށް ކަނޑައަޅައި ޢާންމުކޮށްފައިނުވެއެވެ.