އަޟްޙާ ޢީދު 1444 ގެ ކުޅިވަރުތައް

12 ޖުލައި 2023


ލިޔުނީ: އާމިނަތު ޝަފީޢާ

 

އަޟްޙާ ޢީދު ނުވަތަ ދިވެހީންގެ ބަހުންނަމަ ބޮޑު ޢީދަކީ ދިވެހި ރާއްޖޭގެ ޘަޤާފަތާއި އާދަކާދަތަކާ އެތަކެއް ގުޅުމެއް އޮތް ތާރީޚީ ޢީދެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޢީދު ފާހަގަކުރުމުގައި ތަފާތުތަކެއް ގެންގުޅެއެވެ. އެގޮތުން ރ. މަޑުއްވަރި އަކީ ޒަމާނުއްސުރެ ދިވެހި ޘަޤާފަތަށް ލޯބިކުރާ، ބޮޑު ޢީދު ކުޅިވަރުގައި ފޯރިގަދަ ރަށެކެވެ. ފަހުގެ ތާރީޚުގައި އަވަށު ވާދަވެރިކަން ބޮޑު ނަމަވެސް، އަހަރުތަކެއް ކުރީން ރަށުގައި ޢީދު ކުޅިވަރު ކުޅެމުންއައީ ދެއަވަށް އެކުގައެވެ.

މަޑުއްވަރީގައި ބޮޑު ޢީދު ކުޅިވަރު ކުޅުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އިރުމަތީ އަވަށުން އައްޔޫޤް ޖަމްޢިއްޔާ

އާއި ހުޅަނގު އަވަށުން މަޑުއްވަރީ އެކުވެރިންގެ ކުލަބެވެ. ފޯރިގަދަ ޢީދު ކުޅިވަރުތައް މިއަހަރުގެ ބޮޑު ޢީދުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 

ހިއްޗަށް ދިއުން:

ބޮޑު ޢީދުގެ ކުޅިވަރުތައް މަޑުއްވަރީއަށް ފެށެނީ ޙައްޖު ދުވަހުގެ ރޭ “ހިއްޗަށް” ދިއުމުންނެވެ. ހިއްޗަށް ދިއުމަކީ ޢީދު ކުޅިވަރު ރަށުގައި ކުޅުމުގެ ހުއްދައަށް އެދި ރަށުގެ ވެރީންގެ ގާތަށް ދިއުމެވެ. ހިއްޗަށް ދަނީ ބޮޑުބެރާއި ޘަޤާފީ ކުޅިވަރާއިއެކުގައެވެ. އެގޮތުން މިއަހަރުވެސް ހިއްޗަށް ދިއުމުގެ ކުޅިވަރު ދެ އަވަށުންވެސް ކުރިއަށް ގެންދިޔައެވެ. ޙައްޖު ދުވަހުގެ ރޭ 21:00 ގައި އެކުވެރިންގެ ކުލަބުގެ “އަބާރަނަ 1444” އާއި އައްޔޫޤް ޖަމްޢިއްޔާގެ “ސުވާސްތި 1444” ގެ ޢީދު ކުޅިވަރު ކުޅޭ ހުރިހާ ބައިވެރިން އެމީހުންގެ ފަރި ހަރަކާތްތަކާއިއެކު ކައުންސިލްގެ އިދާރާ ކައިރިއަށް ޖަމާވިއެވެ. އޭރު ކައުންސިލްގެ އިސްވެރީން ކައުންސިލްގެ ދޮރުމަތީގައި ހިއްޗަށް އަންނާނެ ކަމުގެ އިންތިޒާރުގައި އެތުރިލައިގެން ތިއްބެވެ.

 

ކައުންސިލްގެ އިސްވެރިން ކުރިމަތީ ބޮޑުބެރާއި ޘަޤާފީ ޙަރަކާތްތަކާއިއެކު ދެއަވަށުންވެސް ޢީދު ކުޅުމުގެ ހުއްދައަށް އެދުނެވެ. ކައުންސިލްގެ ރައީސް ހުއްދަ ދެއްވުމާއިއެކު ބޮޑު ޢީދުގެ ފޯރި އިތުރަށް ގަދަވިއެވެ.

 

ޢީދު ސައި:

ޢީދު ސައިގެ ކަންކަން އިންތިޒާމުކުރުމުގައި މިއަހަރު، ކައުންސިލާއިއެކު މަޑުއްވަރީ އެކުވެރިންގެ ކުލަބާއި އައްޔޫޤް ޖަމުއިއްޔާއިން ވަނީ ބައިވެރިވެފައެވެ. ޢީދު ސަޔަށް މަޑުއްވަރީގެ ހުރިހާ ގެއަކުން ތަކެތި ގެންދާކަމީ އެކުވެރި އެއްބައިވަންތަ ގުޅުމުގެ ރިވެތި މިސާލެކެވެ. މިއީ މަޑުއްވަރީގެ ރައްޔިތުންނާއި މަޑުއްވަރީއަށް ޢީދު ކުޅިވަރު ބަލައިލުމަށް ޒިޔާރާތްކުރާ މެހެމާނުން ބައިވެރިވާ ކާމިޔާބު ޙަރަކާތެކެވެ.

 

އާއިލީ ހަވީރު:

އައްޔޫޤް ޖަމްޢިއްޔާއިން ޢީދު ދުވަހު ކުރިއަށްގެންދިޔަ އާއިލީ ހަވީރުގައި ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވެވޭނޭ ފަދަ ކުޅިވަރުތަކެއް ކުރިއަށް ގެންދިޔައެވެ. އާއިލީ ހަވީރުގައި ބައިވެރިވި ކޮންމެ މީހަކަށް ވަނީ ކޫޕަނެއް ލިބިފައެވެ. ކޫޕަންތަކުން ގުރު ނަގައި، ގުރުއަތުން ހޮވުނު ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ދޫކޮށްލާފައެވެ.

ސުވާސްތި 1444 ފޭސްބުކްޕޭޖުން ނަގާފައި

މަސް ރޭސް:

އައްޔޫޤް ޖަމްޢިއްޔާއިން މުޅި ރަށަށް ހުޅުވާލައިގެން މިއަހަރު ކުރިއަށް ގެންދިޔަ މަސްރޭހަކީ މަޑުއްވަރީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި އެންމެ ކާމިޔާބު މަސްރޭސްކަން ފާހަގަކުރެވެ އެވެ. ޖުމްލަ 15 ޓީމް ބައިވެރިވި މި މަސްރޭހުގެ އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި 7000 ރުފިޔާގެ އަގުހުރި ޕޮޕިންގ ކޮމްބޯ ސެޓެއް ވަނީ ދީފައެވެ. ދެވަނަ ޓީމަށް 3000 ރުފިޔާ، ތިންވަނަ ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމު އަދި އެންމެ ބަރުމަސް ބޭނި ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި

ކޯޑި ކުޅިވަރު:

އަބާރަނަ 1444 އާއި ސުވާސްތި 1444 ގެ ކޯޑި ކުޅިވަރު ކުޅުމަށް ދެ މަހެއްހާ ދުވަސް ކުރިން ވަނީ ތައްޔާރީތައްވެފައެވެ. އެގޮތުން ޖަމްޢިއްޔާއާއި ކުލަބުންވެސް އެންމެ ފުރަތަމަ ޢީދު ކޮމެޓީއެއް އެކުލަވާލަނީއެވެ. ޢީދުގެ ކުޅިވަރުތައް ލީޑް ކުރާނީ މި ކޮމެޓީއިންނެވެ.

އަނހެންނުންނާއި ފިރިހެނުންގެ ކޯޑި ނެރެނީ ވަކިވަކީން ދެދުވަހުއެވެ. އަންހެނުން ހަދާ ކޯޑި ނެރެދޭނީ ފިރިހެނުންނެވެ. ފިރިހެނުން ހަދާ ކޯޑި ނެރެދޭނީ އަންހެނުންނެވެ.

ފޮޓޯ: ޔުނިކްލިކްސް

ޢީދުގެ ދެވަނަ ދުވަހު ހެނދުނު ސައިބޮއެގެން އަވަސްވެގަންނާނީ ކޯޑި ހެދުމަށެވެ. އަވަށުގެ ކުދިބޮޑު ހުރިހާ ފިރިހެނުން ކޯޑި ހެދުމައިގެން ކުރިއަށްދާނެއެވެ. ކޯޑި ހަދާ މީހުންނަށް ޖޫސްދިނުމަށް އަންހެންވެރީން ތައްޔާރުވާނެއެވެ.

ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި

އެމީހުން ޖޫސް ގެންނާނެ ކަމުގެ އިންތިޒާރުގައި ފިރިހެންވެރީން ކޯޑި ދޮށުގައި އަވަދިނެތި، ދިވެހި ރުކުގެ ފަންވަތްތަކުން އެކި ކަހަލަ ދޫނިތަކާއި، ދުންމާރިތަކާއި، ސާންތީއާއި، ބުޅާ ގޮހޮރާއި، ކަރަކަނދާލިތަކާއި، އެކި ވައްތަރުގެ ބަށި ވިޔާނެ އެވެ. ކޯޑީގައި ހަރުކުރާ ބޮޑު ދޫނި ހަދާނީ ވަކި މީހެކެވެ.

ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި

މެންދުރު ހޫނުވަމުން އަންނަ ވަގުތަކީ ކޯޑި ހަދާ މީހުންނަށް ޖޫސް ދިނުމަށް އަންހެންވެރީން ޙަރަކާތްތެރިވާ ވަގުތެވެ. ބޮޑުބެރާއިއެކު ފޯރިގަދަ ލަވަތައް ކިޔަމުން ޖޫސް ކޫލަރުތައް ހިފައިގެން ގޮސް ކޯޑި ހެދުމުގައި ޙަރަކާތްތެރިވާ އެންމެނަށް ޖޫސްދޭނީއެވެ. މިވަގުތަކީ ފެނާއި ޖޫހާއި ކުލަ ކުޅިވަރު، ކޯޑި ހަދާ ސަރަހައްދުގައި ވަރަށް ފޯރިގަދަވެގެންދާ މަޖާ ވަގުތެކެވެ.

ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި
ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި

މެންދުރު ނަމާދުން ފައިބައިގެން ކޯޑި ވެދުން ކުރަން އަންހެންވެރީންގެ ގާތަށް ބޮޑުބެރާއި ކުޅިވަރުގައި ފިރިހެނުން ދާނެއެވެ.

ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި

ފިރިހެނުން ހަދާފައިވާ ކޯޑި ނެރެދިނުމަށް އެދުމުން އަންހެންވެރީން އެކަމަށް އާނބަސް ބުނެ ކޯޑިއާއި ޙަވާލުވެ، ހަވީރު ޘަޤާފީ ކުޅިވަރާއިއެކު ކޯޑި ނެރެދޭނީއެވެ. ހަވީރުގެ ކުޅިވަރުތައް ފެށޭނީ 16:00 ގައެވެ. ކޯޑި ކުޅިވަރުގެ ވަގުތަކީ އެތައް ދުވަހެއް ކުރީން ތައްޔާރުކުރި ޘަޤާފީ ނެށުންތައް ފެންނަ ވަގުތެވެ. މިކުޅިވަރު ނިމޭނީ ކޮންމެވެސް މީހެއްގެ ބޮލަށް ކޯޑި ޖަހައިގެންނެވެ. ކޯޑި ޖެހުމާއިއެކު ރޭގަނޑުގެ ސްޓޭޖް ޝޯވއާއި ހަވާލުވާން ޖެހުނީއެވެ.

ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި

ޖެހިގެން އަންނަ ދުވަހުގެ ކޯޑި ހަދާނީ އަންހެނުންނެވެ. ފިރިހެނުންގެ ކޯޑި ދުވަހު އަންހެނުން ކަންކަން ކުރިއަށް ގެންދިޔަ ގޮތަށް މިދުވަހު ފިރިހެނުން ކަންކަން ކުރިއަށް ގެންދާނެއެވެ.

 

އެކުވެރީންގެ ކުލަބުގެ ޢީދު ފުރުވާލުން:

މަޑުއްވަރީ އެކުވެރީންގެ ކުލަބުގެ ޢީދު ފުރުވާލުން މިއަހަރު އެހެން އަހަރުތަކާއި ވަރަށްވެސް ތަފާތެވެ. އަލީލާ ކޮތައިފަރު މޯލްޑިވްސްގެ ދަޢުވަތަކަށް “އަބާރަނަ 1444″ގެ ޓީމު ރިޒޯޓަށް ގޮސް ބޮޑު މަހުގެ ކުޅިވަރުތަކާއި މާލި ކުޅިވަރުތަކާއިއެކު ދަފި ނެގުން ކުރިއަށް ގެންދިޔައެވެ. ބަނދަރުން ފައިބައިގެން ކުޅިވަރު ކުޅެން ހަމަޖެހިފައިވާ ތަނަށް ދިޔައީ ކުޅިވަރުތަކާއިއެކުގައެވެ. މިއީ މަޑުއްވަރީގެ ޢީދުގެ ޘަޤާފީ ކުޅިވަރަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ފޮޓޯ: އަބާރަނަ 1444 ފޭސްބުކް ޕޭޖުން ނަގާފައި
ފޮޓޯ: އަބާރަނަ 1444 ފޭސްބުކް ޕޭޖުން ނަގާފައި

އައްޔޫޤް ޖަމްޢިއްޔާގެ ޢީދު ފުރުވާލުން:

އައްޔޫޤް ޖަމްޢިއްޔާގެ ޢީދު ފުރުވާލުމަށް މިއަހަރު ކުރިއަށް ގެންދިޔައީ ރަށުގެ ރައްޔިތުންނަށް ބަރބަކިއު އެކެވެ. ޢީދު ދުވަހު ބޭއްވި މަސްރޭހުން ވަނަ ވަނަ އަށް އައި ޓީމް ތަކުން ބޭނި މަހުން ބައެއް ވަނީ މި ބަރބަކިއު ކުރިއަށް ގެންދިއުމަށް ނަގާފަ އެވެ. އިރުމަތީ އަވަށު ސްޓޭޖް ސަރަޙައްދުގައި ބޭއްވި މި ބަރބަކިއުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި
ފޮޓޯ: ސުވާސްތި 1444 ފޭސްބުކް ޕޭޖުން ނަގާފައި

މާލި ނެރުން:

މިއަހަރުގެ މާލި ނެރުމުގެ ކުޅިވަރު ކުޅެފައިވަނީ އެކުވެރީންގެ ކުލަބުން އެކަންޏެވެ. އާންމު ގޮތެއްގައި މާލި ކުޅިވަރު ކުޅެނީ ހަވީރުގެ ވަގުތުގައެވެ. ނަމަވެސް މިހާރު މިޙަރަކާތް ކުރިއަށްގެންދަނީ ޢިޝާ ނަމާދަށް ފަހުއެވެ. މާލިތައް މުޅިރަށުގެ އެކި ހިސާބުތަކުގައި ހިނގާ ތަފާތު ޙަރަކާތްތައް ދައްކާނެއެވެ. މިއީ ޒަމާނުއްސުރެ ކުރަމުން އަންނަ، ޚާއްސަކޮށް ބައެއް ތުއްތު ކުދީންނަށް ވަރަށް ޝައުޤުވެރި މަޖާ ވަގުތުކޮޅެކެވެ. މިއަހަރުގެ މާލިތައް ޒަމާނީ ޚިޔާލުތަކާއެކު މުޅިން ތަފާތެވެ. ޒުވާނުންގެ މޮޅު ޚިޔާލުތަކެކެވެ.

ފޮޓޯ: ޔުނިކްލިކްސް

މަޑުއްވަރީއަކީ އަޟްޙާ ޢީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް ރަށުން ބޭރުން ގިނަ ބަޔަކު ޒިޔާރާތްކުރާ މަޤުބޫލް ރަށެކެވެ. ޒަމާނުއްސުރެ ކުޅެމުންއައި ޢީދު ކުޅިވަރުގެ ބައެއް ކުޅިވަރުތަކަށް ބަދަލުތަށް އައިސްފައިވީ ނަމަވެސް، ޝައުގުވެރި މަޖާ ޢީދެއް ތަޖުރިބާ ކުރާ، އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ.